ހއ. އިހަވަންދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ވަލު ތެރޭގައި އެކަނި ހުއްޓާ ފެނިއްޖެ އެވެ.

އިއްޔެ ހަވީރު އެ ރަށުން ގެއްލިގެން ހޯދީ 31 އަހަރުގެ ހަސަން ފަހުދު އެވެ. އަދި އޭނާ ހޯދަނިކޮށް ފެނުނީ ރަށުގެ ވަލު ތެރެއިން ކަމަށާއި، ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް އެ ރަށުން ބުންޏެވެ.

ފަހުދުގެ އާއިލާއިން އޭނާ ހޯދަން ފެށީ އިއްޔެ ދުވަހުގެ ހަވީރު، 4:30 ހާއިރު މޫދަށް ދާން ނިކުތް ފަހުން އެއްވެސް ހަބަރެއް ނުވެގެންނެވެ.

އޭނާގެ ހަބަރެއް ނުވެގެން ކައުންސިލާއި، ފުލުހުންގެ އިތުރުން އާންމުން ނިކުމެ ހޯދަނިކޮށް ފެނުނީ ވަލުތެރޭގައި އުޅެނިކޮށް މެންދަމު 12:35 ހާއިރު އެވެ. އޭނާ ވަލުތެރޭގައި ހުންނަން ޖެހުނު ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

އިހަވަންދޫގައި ގެއްލިގެން ހޯދި ޒުވާނާ އަކީ އިހަވަންދޫގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުން ގެންދާ ޒުވާނެކެވެ.