ތަކެތީގެ އަގުބޮޑުވުމުގެ ތަކުލީފުތަކާއި އީރާނާއެކު ކުރަމުންދާ ހަނގުރާމައާމެދު އޮތް ނުރުހުމާއެކު، ވޮޝިންޓަންގެ ބާރުތަކަށް ބޮޑު ބަދަލެއް އަންނާނެތޯ ވޯޓުލާ ފަރާތްތަކުން މިއަދު ނިންމާނެ އެވެ. މިހާރު ކުރިއަށްދާ އެމެރިކާގެ މިޑްޓާމް އިންތިހާބަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ރައްޔިތުން ދެކޭގޮތް ބަލާލެވޭނެ މުހިންމު އިމްތިހާނެކެވެ.
ޑިމޮކްރެޓުން ތިބީ އުންމީދީ ރޫހެއްގަ އެވެ. އޭގެ ސަބަބަކީ މީގެ ދެ އަހަރު ކުރިން ޓްރަމްޕް ފަސޭހަކަމާއެކު ކާމިޔާބުކުރި ސަރަހައްދުތަކަށް، ރިޕަބްލިކަނުން މިފަހަރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުމެވެ. ތަކެތީގެ އަގު ތިރިކުރުމަށް ޓްރަމްޕްވި ވައުދުތައް ފުއްދިފައި ނުވުމާއި، އާންމުންގެ ތަކުލީފުތަކަށްވުރެ ބޮޑަށް ވެރިރަށުގެ ޒީނަތްތެރިކަމަށް އޭނާ އިސްކަންދޭކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، ރިޕަބްލިކަނުންނަށް އޮތް ތާއީދު ކުޑަވެ، ޑިމޮކްރެޓުންނަށް ކާމިޔާބު ލިބޭނެ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ.
ރިޕަބްލިކަނުންގެ މާލީ ބާރުވެރިކަމާއެކު ކާމިޔާބީގެ އުންމީދު އޮތް ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ގެއްލި، ސެނެޓްގެ ކޮންޓްރޯލް ދެމެހެއްޓުމަށް ބޮޑު ހަނގުރާމައެއް ކުރަންޖެހޭނެ ކަމަށް މިހާރު ބެލެވެ އެވެ. މިއީ މިއަހަރުގެ ކުރީކޮޅު މަޝްރަހު އޮތްގޮތުން ހީކުރެވުނު ގޮތެއް ނޫނެވެ.
ދެ މަޖިލީހުގެވެސް ގޮނޑިތަކުގެ ފަރަގު ހުރީ ވަރަށް ކުޑަކޮށެވެ. ސެނެޓްގެ އަޣުލަބިއްޔަތު ހޯދުމަށް ޑިމޮކްރެޓުންނަށް ބޭނުންވަނީ އިތުރު ހަތަރު ގޮނޑި އެވެ. އަދި ހައުސްގެ ކޮންޓްރޯލް ހޯދުމަށް ބޭނުންވަނީ އެންމެ ތިން ގޮނޑި އެވެ. ހޯމަ ދުވަހާ ހަމައަށް 57 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، މިއީ މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް މަތީ އަދަދެކެވެ.
ޓްރަމްޕް ވަނީ މިއީ އޭނާގެ އަމިއްލަ އިންތިހާބެއް ކަމަށް ދެކިގެން ވޯޓުލުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. ނަމަވެސް ބައެއް ރިޕަބްލިކަން ކެންޑިޑޭޓުން ގެންދަވަނީ ޓްރަމްޕާ ދުރުހެލިވުމަށް މަސައްކަތް ކުރައްވަމުންނެވެ. ކެމްޕޭނުގެ ފަހު ދުވަސްކޮޅު ޓްރަމްޕް ވަނީ ރިޕަބްލިކަނުންގެ ބާރުގަދަ ސްޓޭޓްތަކުގައި ގިނަ އެއްވުންތަކެއް ބާއްވާފަ އެވެ.
މީގެ އިތުރުން، ވޯޓު އޮޅުވާލުމާ ގޮތުން ޓްރަމްޕް ކުރައްވާ ހަގީގަތާ ހިލާފު ތުހުމަތުތައް ދަނީ ކުރިއަށެވެ. މީގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓުލާ މީހުންނަށް ބިރުދެއްކުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ޑިމޮކްރެޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި އިންތިހާބުގެ ނަތީޖާއަށް ބިނާކޮށް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދެ އަހަރު ބައްޓަންވެގެންދާނެ އެވެ. ކޮންގްރެސްގެ އެއް މަޖިލިސް ވިޔަސް ޑިމޮކްރެޓުންގެ އަތްދަށަށް ހިނގައްޖެނަމަ، ސަރުކާރުގެ ތަހުގީގުތަކާއި އަދި މަގާމުން ވަކިކުރުމުގެ (އިމްޕީޗްމަންޓް) މައްސަލަތައް ފެންމަތިވެގެންދާނެ އެވެ. އޭގެ ތެރޭގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި އީލޮން މަސްކް ފަދަ ބޭފުޅުން ހިމެނިދާނެ އެވެ.
އިންތިހާބުގެ ކެމްޕޭނުގައި ރިޕަބްލިކަނުން ވަނީ ދާއިރާތައް ބަހާލުމުގައި އެމީހުންނަށް ފައިދާވާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް ފްލޮރިޑާ ފަދަ ސްޓޭޓްތަކުން ފެންނަނީ އެ އުންމީދުތައް ފުރިހަމަނުވެދާނެ ކަމުގެ ނިޝާންތަކެވެ. އަދި ޓެކްސަސް އާއި ނޯތު ކެރޮލައިނާގައި ޓްރަމްޕް ނެންގެވި ބައެއް ކެންޑިޑޭޓުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އެ ސްޓޭޓްތަކުގެ ގޮނޑިތައް ގެއްލުމުގެ ބިރު ވަނީ ހީވެފަ އެވެ.
ސާވޭތަކުން ދައްކާގޮތުގައި ޓްރަމްޕްގެ މަސައްކަތްތަކާމެދު ހިތްހަމަޖެހެނީ އެންމެ 35 އިންސައްތަ މީހުންނެވެ. އަދި އިގްތިސާދީ ކަންކަން ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހެނީ އެންމެ 25 އިންސައްތަ މީހުންނެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ގައުމު ދަނީ ނުބައި މިސްރާބަކަށެވެ.
ސެނެޓްގެ ރޭހުގައި ނޯތު ކެރޮލައިނާ، ޖޯޖިއާ، އޯހިއޯ އަދި އެލަސްކާ ފަދަ ސްޓޭޓްތަކުގެ ނަތީޖާ ވަރަށް މުހިންމުވާނެ އެވެ. އަދި ހައުސްގެ އަޣުލަބިއްޔަތު ހޯދުމަށް ޑިމޮކްރެޓުން ދަނީ ޓްރަމްޕްގެ ބާރުގަދަ ސްޓޭޓްތަކުގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. މީގެ އިތުރުން 36 ސްޓޭޓެއްގައި ގަވަރުނަރުން ހޮވުމުގެ ވޯޓުލުންވެސް ކުރިއަށްދާނެ އެވެ.
މި އިންތިހާބުގެ ނަތީޖާއަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ޖަވާބަކަށް ވާނެ އެވެ. ޑިމޮކްރެޓުންގެ ކާމިޔާބީއަކީ ޓްރަމްޕްގެ ނުފޫޒު ކުޑަކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. މިއީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ހަރަދު ބޮޑު އެއް އިންތިހާބަށް ވެގެންދާނެ އެވެ.
އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފަށައިފި
އަމިއްލަ ދަރިއަށް ޖިންސީ ގޯނާ ކޮށްގެން އައިމަން ހައްޔަރުކޮށްފި