ޕީއެންސީ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސައީދުގެ އިތުބާރު އޮތް ކަމަށް ފާސްކޮށް، އެ މައްސަލަ ބޭރުކޮށްފި އެވެ.

މި މައްސަލައަށް ބަހުސްކޮށް ނިމި، ސައީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން ސައީދަށް އިތުބާރު އޮތް ކަމަށް 54 މެންބަރުން ވޯޓު ދިން އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

މި މައްސަލައަކީ އިދިކޮޅު އެމްޑީޕީ ގެ 13 މެންބަރަކު ސޮއިކުރައްވައި މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. އިދިކޮޅު މެންބަރުން ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ، މިނިސްޓަރު ސައީދު ވަނީ ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އިހުމާލުވެވަޑައިގެންފައި ކަމަށެވެ.

އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ސައީދު މަސްއޫލިއްޔަތުތަކާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދިއުން ހިމެނެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވެވަޑައިގަތުމާއި، އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން ހިމެނެ އެވެ. މީގެއިތުރުން ބިޔަ މަޝްރޫއުތަކެއް އިއުލާނުކުރެއްވުމަށްފަހު އެ ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.