ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ހާސްކަމަކީ ވެރިކަން ނުލިބިއްޖެނަމަ ޖާހަތު ގެއްލިގެން ހިނގައިދާނެތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދުއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލު ވިދާޅުވީ ރައީސް ނަޝީދަކީ ރަންނަމާރި ގޮތަށް ރައްޔިތުންނަށް ބިރަކަށް ވެއްޖެކަމަށެވެ. އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާއާއި ވެރިކަން ކުރަންވީ ގޮތް ނުނިންމޭނެ ކަމަށާއި ރައީސް ނަޝީދުގެ ހުރިހައި ހާސްކަމަކީ ވެރިކަން ނުލިބިއްޖެ ނަމަ ޖާހަތު ގެއްލޭތީ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ
"އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާއާއި ވެރިކަންކުރަންވީ ގޮތް ނުނިންމޭނެ. ރައީސް ނަޝީދުގެ ހުރިހާ ހާސްކަމަކީ ވެރިކަން ނުލިބިއްޖެނަމަ ޖާހަތު ގެއްލޭތީ. މުރައިދޫ ގަނޑުވަރާއި އިމެއްނެތް ޚަރަދު. ދަހިވެތިކަން ހައްދުން ނައްޓައި ރަންނަމާރި ގޮތަށް ރައްޔިތުންނަށް ބިރަކަށްވެއްޖެ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ކަމުގެ މަގާމަށް 30 އިންސައްތަ ވޯޓު ލިބޭ މީހަކަށް އިންތިހާބު ކުރުމަށް ގާނޫނުގައި ކަނޑައެޅުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ ދެން އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބޭނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ރައީސް ނަޝީދުގެ މިފޯމިއުލާއަކީ ހަމައެކަނި އެމްޑީޕީއަށް ވެރިކަން ކުރެވޭނެ ފޯމިއުލާއެއް ހޯދުމަށް ނަޝީދު ކުރައްވާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޤާނޫނު އަސާސީގައި މިހާރު ކަނޑައަޅާފައިވަނީ ވެރިކަމަށް އާދެވޭނީ ރައްޔިތުންގެ 50 އިންސައްތައަށްވުރެއް މަތިން ވޯޓުލިބޭ ފަރާތެއްކަމަށެވެ.