މާދަމާއިން ފެށިގެން މާލެއިން ރަށްރަށް ދަތުރުކުރާއިރު ޕީސީއާރް ޓެސްޓް ހަދަންނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަދައިފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުން ރާއްޖެގެ އެހެން ރަށްރަށަށް ދަތުރުކުރާއިން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

މާލެއިން ރަށްރަށަށް ދާ ނަމަ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރީ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު އެވެ. އެއީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވާން ފެށުމުންނެވެ.

މާލެ ސަރަހައްދުގެ ކޮވިޑް ޖެހޭ މިންވަރު ދަށްވުމާއި ގުޅިގެން އޭރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ވަނީ ލުއި ދިނުމަށް ނިންމާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތައް ބޭއްވުމަށް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ބާއްވަން ވާނީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާ މީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ބާއްވަން ވާނީ އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ސަތޭކައިން ދަށުގައި ހުރިއިރު އަތޮޅުތަކުގެ ނަންބަރު އަދިވެސް ހުރީ 500 އިން މަތީގަ އެވެ.