ބޭރުން ރާއްޖެއަށް އަންނަ މީހުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ދެން ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދާ ގޮތަށް މީގެ ކުރިން ކަނޑައަޅައި އެކަން އަންގަވާފައިވީ ނަމަވެސް އެ އެންގުމަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗްއޯއިން އިމަޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

އަދި ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓް ވެސް ދެން ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިން ދީފައިވާ ގިނަ ލުއިތަކަށް ބަދަލު ގެނެސްފައިވެ އެވެ. ކޯވިޑްގެ އާ ވޭރިއަންޓާއެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

އެހެން ނަމަވެސް މިދުވަސް ކޮޅުގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފަ އެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ވެސް ވެކްސިން ފުރިހަމަ ކޮށްފައިވަނަމަ ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. އަދި އާންމު އެއްވުންތަކާއި، ޕާޓީ، ހަފްލާތައް ވެސް ބޭއްވުމަށް ވަނީ ހުއްދަ ދީފަ އެވެ.