ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު އުވާލުމާއި ގުޅީގެން މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތްއޮތުން ވެސް އުވާލައިފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސްބައެއް ތަންތަނާއި ޙާލަތްތަކުގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާސްކް އެޅުން މިރެއިން ފެށިގެން މަޖުބޫރު ނުކުރި ނަމަވެސް ހައި ރިސްކް މީހުންނާއި މީހުން ގިނައިން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި (އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް) އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތަކުގައި މާސްކު އަޅަންޖެހެ އެވެ.
މީގެ އިތުރުން ބަލީގެ އަލާމާތް ހުންނަ ފަރާތްތަކާއި ބަލިޖެހުމުން ނުރައްކާ ވެދާނެ ފަރާތްތަކާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންވެސް މާސްކް އަޅަންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ވަނީ ބައްޔަށް ޕޮޒިވްވާ ފަރާތްތަކާއި ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަނޑައެޅިފައިވާ މުއްދަތާއި އުސޫލުތަކާއެއްގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކަހެރިކުރުމާއި ކަރަންޓީނު ކުރުމާއި ޓެސްޓުކުރުން ކުރިއަށް އަދިވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.
ސިއްހީ ކުއްލި ހާލަތު އުވާލުމާއި ގުޅީގެން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރެއް ނޫން ކަމަށެވެ. އެކަމަކު ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސްކޫލުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ނުވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މާސްކް އެޅުން މަޖުބޫރުވުން އުވާލުމުގެ އިތުރުން ކޮވިޑާއި ގުޅިގެން އަޅާފައިވާ އެހެން ފިޔަވަޅުތައްވެސް އުވާލުމަށް ވަނީ ނިންމާފަ އެވެ.