ރާއްޖޭގައި ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި އެވެ.
އެގޮތުން އުވާލާފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ކޮވިޑު-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ މީހުން ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ޖެހޭ އުސޫލާއި ރާއްޖޭން ބޭރުން އަންނަ ހުރިހާ މީހުން އަދި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް މީހަކު ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަންޖެހޭ އުސޫލެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ދެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑް- 19 އަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް ކަރަންޓީނު ވާން ދެން ނުޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.
އެޗްޕީއޭ އިން މި ފިޔަވަޅުތައް އަޅާފައިވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރަށްފަހު މިރޭ އުވާލުމާ ގުޅިގެންނެވެ.