ޓީވީއެމް އިން ކުރިޔަށް ގެންދިޔަ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން އާންމުންގެ މަގުބޫލުކަން ހޯދި އަހްމަދު ފަރަޝް މާރާމާރީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން ފަރަޝް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހައި މަރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ. ފަރަޝްގެ އިތުރުން އެ މައްސަލާގައި އޭނާގެ ކޮއްކޮ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފަރަޝް އާއި އޭނާގެ ކޮއްކޮގެ ބަންދަށް ފުވައްމުލަކު ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.
އަނިޔާ ލިބުނު ފަރާތުގެ އާއިލާގެ މެމްބަރަކު ބުނީ މައްސަލަ ޖެހުނީ ފަރަޝްގެ އަންހެން ކޮއްކޮއަށް އެ އާއިލާގެ މީހަކު ގުޅުމުން ކަމަށެވެ. އެ އަންހެން ކޮއްކޮއަށް ގުޅީ ފަރަޝްގެ ފިރިހެން ކޮއްކޮގެ ނަންބަރު ހޯދުމަށް ކަމަށް ވެސް އެ އާއިލާ އިން ބުންޏެވެ.
އެކަމާ ހިތްހަމަނުޖެހިގެން ފަރަޝް ގްރޫޕެއް ގޮވައިގެން ގޮސް އެ ފިރިހެން ކުއްޖާއާ މެދު މާރާމާރީ ހިންގުމަށްފަހު އޭނާ އެއްލާލި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އާއިލާ އިން ބުނީ އެކަމުގައި ދެންތިބި މީހުން މާރާމާރީ ނުހިންގާ ކަމަށާއި އެމީހުން އެކަމުގައި އެހީތެރިވެދިނީ ކަމަށެވެ.
އެ ފިރިހެން ކުއްޖާގެ މަންމަ އަށާއި ދައްތައަށް ވެސް ވަނީ އެ މާރާމާރީގައި އަނިޔާވެފައި ކަމަށް އާއިލާ އިން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.