އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯކުރި މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ ހުކުމް ހަމަވުމުން، އޭނާ އަނބުރާ ގައުމަށް ފޮނުވައިލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އަލަމްގީރު އަނބުރާ ގައުމަށް ފޮނުވައިލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ޑީޕޯޓްކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް، ދެން ރާއްޖެ ނާދެވޭ ގޮތަށް ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތު ދެ އެވެ.
އަލަމްގީރުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މުއްދަތު ހަމަވުމުން، އޭނާ ގައުމަށް ފޮނުވައިލުމުގެ ކަންކަން ހަމަޖެއްސުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭނާ އިމިގްރޭޝަނާ ހަވާލުކުރި ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
މައްސަލައިގެ ފަސްފަހަތް:އެއް ޖިންސުން ގުޅުން ހިންގުމާއި އޮރިޔާން ކާޑު ހެދުމުގެ 46 ދައުވާއެއް އަލަމްގީރުގެ މައްޗަށް ސާބިތުވެ، ތިން އަހަރާއި ހަ މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަކަށް ކޯޓުގައި އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
މި މައްސަލައިގައި އަލަމްގީރާއެކު އެ އަމަލު ހިންގި ދިވެހިންގެ ތެރޭގައި މުޖުތަމައުގައި އެކި ދާއިރާތަކުން މަގުބޫލުކަން ހޯދާފައިވާ ފަރާތްތައް ހިމެނުނުއިރު، އޭގެ ތެރެއިން ބައެއް މީހުން ވެސް ކުށަށް އިއުތިރާފުވެ، ލުއި އަދަބުތަކާއެކު ހުކުމް ތަންފީޒުކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!
ހޫތީން ސައުދީއަށް ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި
"އޮފް ކެމްޕަސް" ސީޒަން 2ގެ އެންމެ ފަހުގެ ހަބަރަކީ ކޮބާ؟