އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ހަގީގަތް ހޯދުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީ ބާއްވައި ދިނުމަށް މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.

އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އުމުރުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާތީ ރަށުގެ ރައްޔިތުންގެ މެދުގައިވަނީ ވަރަށްބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އިދާރާތަކުން އަމަލު ކުރަމުންދާ ގޮތާގުޅިގެން ރައްޔިތުންދަނީ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ. މިމައްސަލައިގައި ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވީ ޖިންސީގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފަކަމަށް އެކުއްޖާ ތަހުގީގަށް ބަަޔާންދީފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އަދި މިހާރު ހައްޔަރު ކޮށްފައިވާ އަންހެންމީހާއަކީ 30 އަހަރުވަންދެން ސްކޫލްގައި މަސައްކަތްކުރަމުން އަންނަ މީހަކަށް ވެފައި އޭނާގެ ފަރާތުން ދުވަހަކުވެސް އެކަހަލަ ކަމެއް ފެނިފައިނުވާ ކަމަށް އެސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންވެސް ސޯޝަލްމީޑިއާގައި ދަނީ ހާމަކުރަމުންނެވެ. އަދި އެކުއްޖާގެ ކާފައަކީ ވެރިކަން ކުރާ އެމްޑީޕީގެ ބާރުގަދަ ފަރާތެއްކަމަށާއި އެހެންކަމުން މިމައްސަލައިގައި އަންހެންމީހާ ފްރޭމްކުރެވިފައިވާ ކަމަށް އިހްތިޖާޖުކުރާ ފަރާތްތަކުންނާއި ގިނަ ރައްޔިތުންދަނީ ބުނަމުންނެވެ.

މިމައްސަލައާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 6 އަހަރުގެ ކުއްޖާގެ ޖިންސީ ގޯނާގެ މައްސަލައާ ގުޅޭ ގޮތުން އެކި ވާހަކަތައް ދެކެވޭތީ، ކަމުގެ ހަގީގަތް ކަމާއި ބެހޭ ފަރާތްތަކުން އޮޅުން ފިލުވުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެފައިވާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.