ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފި އެވެ. ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ "ކެލާ ސްކޫލް ފިނި ޕާކް" އެވެ.

އެ ބޭންކުން ބުނީ ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިން އިށީނދެގެން ތިބުމަށް ވަނީ ބެންޗުތަކެއް ބަހައްޓާފަ އެވެ. އަދި ސްކޫލްއަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދު ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން. އައިޑިއާސް ޖަމިއްޔާއިން ކެލާގައި މި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ހަމައެހެންމެ ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން،" ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

އައިޑިއާ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ވެސް އަދި ސްކޫލް ދަރިވަރުން ވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެންޖެހެނީ ކޮޅަށް، ބައެއްފަހަރު އަވިދޭ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި. އެ ގޮތުން ސްކޫލު ސަރަހައްދުގައި ހުރި ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިންނަށް ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަައި އަދި ބައިސްކަލްތައް ބެހެއްޓުމަށް ހާއްސަ ޕާކިންގެ އޭރިއާއެއް ހަދަން ނިންމީ އަޅުގަނޑުމެންގެ ތެރޭކުރެވުނު މަޝްވަރާތަކަށްފަހު. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ. މި ފުރުސަތުގައި ބީއެމްއެލްއަށާއި އެހޭތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މަސައްކަތް އެއްކޮށް ނިންމާލެވި، އައިޑިއާސްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން،" އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ޖަމިއްޔާއަކުން ހެދި ބެންޗްތަކެއް. ފޮޓޯ: ބީއެމްއެލް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 9އާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.