އެމްޑީޕީގައި މިހާތަނަށް ބޭއްވޭ އެތޭރެގެ އެންމެ ވާދަވެރި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި އެވެ.

ވާދަވެރި އަދި ހޫނުގަދަ ކެމްޕެއިނަކަަށްފަހު މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރުގެ 4 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ދާނެ އެވެ. މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެގޮތުން ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

ދެ ރައީސުން ވޯޓުލާފައިވާއިރު ޗެއާޕާސަން މަގާމަށް ވާދަކުރަމުންދާ ދެ ކެނޑިޑޭޓުންގެ ތެރެއިން ނަޝީދު ތާއީދު ކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށެވެ. އަދި ރައީސް ސޯލިހު ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެމްޑީޕީގެ އިންތިހާބުގައި ވޯޓު ލައްވަނީ

މީގެ އިތުރުން ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުން ވެސް މިހާރު ވަނީ ވޯޓު ލައްވާފަ އެވެ.

މިހާތަނަށް އައިރު އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވޯޓު ލައްވަނީ

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި 94،211 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ހުރިހާ މެންބަރުންނަށް ޗެއާޕާސަން ހޮވަން ވޯޓު ލެވޭނެ އެވެ.

އިންތިޚާބުގެ ކެމްޕޭނުގެ ފޯރި ގަދަވެ އެމްޑީޕީ ދެބަޔަކަށް ބެހިފައިވާއިރު ދެ ކެންޑިޑޭޓުންގެ ޓީމުގެ މެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލުކުރި އެވެ.