ސެޓާން ސްޓޫޑިއޯސްއާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ދިވެހި ފިލްމު "ކަނބުލޮ"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ގިނަ ރެކޯޑްތަކެއް މުގުރާލި ފިލްމް "ކަމަނާ"ގެ ޓީމުން ގެނެސްދޭ "ކަނބުލޮ"އަކީ ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ގިނަ ކަންތައްތަކެއް ހިމެނޭ ފިލްމެކެވެ.

އަލީ ޝާނީޒް މުހައްމަދާއި ހުސެއިން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވެސް މުނައްވަރެވެ. މިއީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

ލޯތްބާއި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ފަދަ އިޖުތިމާއީ ގިނަ މައްސަލަތަކަށް އަލިއަޅުވާލާފައިވާ މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ޔަޝްފާ އަބްދުލް ޣަނީ އެވެ.

މިއީ 2009 ވަނަ އަހަރު ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މައުރަޒުން ބޭއްވި ދިގު ވާހަކަ ލިޔުމުގެ މުބާރާތަށް ޔަޝްފާ ހުށައެޅި "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެ ވާހަކައަށް އެ މުބާރާތުން އެއްވަނަ ލިބުނެވެ.

"ކަނބުލޮ"ގެ ލީޑު ތަރިންގެ ގޮތުގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަދި މަރިޔަމް އައްޒަ ފެނިގެންދާއިރު ސަޕޯޓިން ރޯލުތަކުން އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ އަދި ވާޝިއާ މުހައްމަދު ފެންނާނެ އެވެ.

"ކަނބުލޮ"ގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު އެ ފިލްމު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.