ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް ޕީޕީއެމް އިން ހިންގާ "އިންޑިއާ އައުޓް" އައުޓް ކެމްޕެއިނާ ދެކޮޅަށް "ބާކީ ނުވޭ" ގެ ނަމުގައި އެމްޑީޕީން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބޭތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ މުޅި ދުނިޔެއާ އެކަހެރިކޮށް، ބާކީ ކޮށްލާފައިވާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ އިން ފެށިގެން އަންނަނީ އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަން ފަށައިފަ އެވެ. މި ހޭޝްޓެގް ބޭނުންކޮށްގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ދަނީ އިންޑިއާއަށް ތައުރީފުކޮށް ޓުވީޓް ކުރަމުންނެވެ.

މި ކެމްޕޭންގައި ބައިވެރިވެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ދިވެހިން ބާކީވެގެންދާނެ ކަމަށެވެ.

އެ ޓުވީޓްގައި ނަޝީދު ވިދާޅުވީ ސިޔާސީ ވެރީން ސިޔާސީ ބޭނުމަށްޓަކައި ދިވެހީން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރެއްވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަވަން ވާނެ ކަމަށެވެ އެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހީންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމުން ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން." ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތްކަމަށް މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިންޑިއާ އައުޓް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކެމްޕެއިނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި މިދިޔަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރާއެކު އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.