އެމެރިކާއިން 100،620 ޑޯޒުގެ ފައިޒާގެ ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިކަން ހާމަކޮށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، މި ވެކްސިން ހަދިޔާކޮށްފައި ވަނީ އދ. އިން ގާއިމްކޮށްފައިވާ "ކޮވެކްސް" ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ.

ވެކްސިން ހަދިޔާކުރުމުގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ ކަމަށްވާ ޔޫއެސްއެއިޑް މެދުވެރިކޮށް އެކި ސިއްހީ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި، ވެކްސިނުގެ މުހިންމުކަމާއި، ވެކްސިން ޖެހުމާއި ގުޅޭ ގޮތުން އާންމުންނަށް އެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އަތޮޅުތެރެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީން ކުުރުން ހިމެނޭ ކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނެފައިވަނީ މިހާރުވެސް އެމެރިކާ ސައިންޓިސްޓުންނާއި، އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި، ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ގުޅުވައި، ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިނޭޓްކުރުމަށް އެހީތެރިވަމުންދާ ކަމަށެވެ.

ކޮވިޑްގެ ޕެންޑަމިކް ފެށުނު ފަހުން ޔޫއެސްއޭ. އައިޑީގެ ފަރާތުން ވަނީ ހަތް މިލިއަން ޑޮލަރުގެ ކޯވިޑްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި މީގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. މި އެހީތެރިކަމުގެ ތެރެއިން ފުރާނަ ސަލާމަތް ކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކޮށް، ކޮވިޑާއި ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

އެމެރިކާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވަނީ ހަދިޔާކޮށްފަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެގައުމުން ވަނީ އިތުރު 439،920 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފަ އެވެ.