ރާއްޖޭގެ އިގުތިސާދަށް މިހާރު ރިއާޔަތްކޮށް ލޯނު ނަގައިގެން އާ މަޝްރޫތަކެއް ނުފެށި ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއުތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތަށް ބަލައި ބައެއް މަޝްރޫއުތައް ފެށުން ފަސްކޮށްފައިވާ ކަމަށާއި މިވަގުތު ލޯނު ނަގައިގެން ބޮޑު އާ މަޝްރޫއެއް ފެށުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މަޝްރޫއުތައް ނުފަށާ ލަސްކޮށްފައިވަނީ އެމްއޯޔޫތަކުގައި ސޮއިކޮށް އަދި ނުފަށައި ހުރި މަޝްރޫއުތައް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން އަލުން ލޯނު ނަގައިގެން މިވަގުތު ކުރިއަށް ގެންދިއުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާއެކުގައި މަޝްރޫއުތައް ކުރިއަށް ދާނެ. ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓްގައި ނެޓް ފައިނޭސިންގެ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ. އެ ފައިސާ އިތުރަށް ހޯދަން ޖެހޭ. އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސެކިއާކުރެވިފައި އެބަހުރި. އިތުރަށް މި ބޭނުންވަނީ ދެ ބިލިއަން ރުފިޔާ ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން އެބަކުރަން. ސުވާލަކީ އެ ނުލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެތްތޯ. އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ބައެއް މަޝްރޫއުތައް ހުއްޓާލުން. ހަރަދުތައް ކުޑަކުރުން، ކޮށްފައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުން" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް ސޯލިހު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އެއީ އެ މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިގެ މަސައްކަތް ކުރަމުން އަންނަ މަޝްރޫއުތަކަށްވާތީ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އެއީ ބްރިޖް ކަމަށް ވިޔަސް އަދި އެ ނޫން މަޝްރޫއަކަށް ވިޔަސް މިހާރު ފަށާފައި އޮތް އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ގައުމު ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވަނީ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި ދަރަނި ނުދެއްކި ދައުލަތް ބަނގުރޫޓް ނުވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.