ކީރިތި ރަސޫލާގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް ވާއިރު، ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅަކީ އެކަމަށް އަޅަންޖެހޭ ވަރުގެ ވަރުގަދަ ފިޔަވަޅެއް ކަމަށް ނުދެކޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯތްބާއި މަތިވެރިކަން ދެއްކުމަށްޓަކައި އަޅުގަނޑުމެން އެބަ ޖެހޭ މިވަގުތު ހިތްވަރާއެކު ތެދުވަން،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މިޖަލްސާ ބޭއްވުމުގެ ހުއްދަ މިހާރު މާލެ ސިޓީ ކައުންސިލުން ދީފައިވާ ކަމަށެވެ.

ޖަލްސާ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ.

"އަޅުގަނޑު އެދެނީ ސިޔާސީ ފިކުރަކަށް ނުބަލައި ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭގައި ތިއްބެވި ހުރިހާ ރައްޔިތުން، އަންހެން، ފިރިހެން، ޒުވާނުން، އިލްމުވެރިން މިކަމުގައި ބައިވެރިވެވަޑައިގަތުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ރަސޫލާއަށް އޮތް ލޯބި ހާމަކުރުމުގެ ގޮތުން މާލޭގައި އިއްޔެ ބޭއްވި ސައިކަލު ބުރެއްގައި ވެސް އެތައް ސަތޭކަ އާމުން ވަނީ ބައިވެރިވެފަ އެވެ.

ބީޖޭޕީއިން ރަސޫލާއަށް ފުރައްސާރަ ކުރުން އިސްލާމީ ގިނަ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުން އެކަމަށް މާފަތް އެދުމަށް ވެސް ވަނީ ގޮވާލާފަ އެވެ.