ރައްޔިތުންގެ ހިޔާލާއި މަޝްވަރާލިބުމަކީ ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ފ.ފީއަލި ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ، ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް ސޯލިހަށް ވަނީ ހިއްސާކުރައްވާފަ އެވެ. މިގޮތުން، ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއޫއާއި، ސިއްހީ މަރުކަޒުގެ މަޝްރޫއު އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ.

މީގެ އިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާއި، އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ގާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި، ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައިސާއި ހިއްސާކުރައްވާފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްކުރިޔަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާލިބުމަކީ ރަށްރަށް ތަރައްގީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއްކަމުގައި ވިދާޅުވެފަ އެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. މީގެ އިތުރުން ވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.