ވޮޝިންޓަން (19 ޖޫން) - އުމުރުން ހަ މަހުން ފެށިގެން މަތީގެ ހުރިހާ ކުދިންނަށް ކޮވިޑް 19ގެ ވެކްސިން ދޭން އެެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން ނިންމައިފި އެވެ.

ސީޑީސީގެ މި ނިންމުން އައިސްފައި މިވަނީ އެ އިދާރާގެ ސިއްހީ އެޑްވައިޒަރުންގެ ޕެނަލުން އެކަމަށް ހުއްދަ ދީ އެއީ ރައްކާތެރި ކަމެއް ކަމަށް ބުނުމުންނެވެ.

މިއާއެކު އަންނަ ހަފްތާއިން ފެށިގެން އެގައުމުގެ އެކި ހިސާބުތަކުގައި ކުޑަ ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޑީސީއިން ވަނީ ބުނެފަ އެވެ.

އެގޮތުން މި އުމުރުފުރާގެ ކުދިންނަށް ދޭން ހަމަޖެހިފައިވަނީ މޮޑެނާގެ ވެކްސިންއާއި ބައޯންޓެކްގެ ފައިޒާ ވެކްސިން އެވެ. މީގެ ތެެރެއިން ފައިޒާ ވެކްސިންއަކީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފަސް އަހަރުން މަތީގެ ކުދިންނަށް ދެމުން އައި ވެކްސިން އެކެވެ.

ސީޑީސީއިން ބުނީ އެމެރިކާގައި ތުއްތު ކުދިންނަށް ކޮވިޑް 19ގެ ވެކްސިން ދޭން ބޭނުން ވެފައި ތިބި އެތައް ބެލެނިވެރިންނެއް އެބަތިބި ކަމަށާއި މިއާއެކު އެ ބެލެނިވެރިންނަށް އެކަމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ބޮޑު އަސަރެއް ކުރާއިރު 2020 ވަނަ އަހަރުން ފެށިގެން އުމުރުން 1 އަހަރާއި 4 އަހަރާ ދެމެދުގެ ކުދިން ފަސްވަނައަށް އެންމެ ގިނައިން މަރުވާ ސަބަބަކީ ކޮވިޑް 19 ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވެ އެވެ. -- އަލް އަރަބިއްޔާ