އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކޭނެ ހާލަތެއް މިހާރަކު ރާއްޖެއަކު ނެތް ކަމަށާއި އެވާހަކަ ދެއްކޭނީ ރާއްޖޭގެ މިނިވަންކަން އަލުން ހޯދުމަށްފަހު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްމިހެން ވިދާޅުވީ ރޭ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކޭނީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން މި ކުރަނީ 2023 ގެ ރިޔާސީ އިންތިހާބުގެ މަސައްކަތެއް ނޫން. ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރެވޭ ފަދަ ހާލަތެއްގައެއް ނޫން ގައުމު މި އޮތީ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގައުމު މިއަދު މިއޮތީ ދުވަހަކު ވެސް ނުދެކޭ ފަދަ ދަށު ދަރަޖައަކަށް ވެއްޓިފައި ކަމަށެވެ. އެހެންކަމުން މިއަދު ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އަނބުރާ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ވެރިކަމުގައި މިއަދު ތިބި ފަރާތްތަކަށް ރައްޔިތުން މުހިއްމު ނުވާ ކަމަށާއި ގައުމުގެ މިނިވަން ކަމަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ވެސް ނުވާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް މިގޮތަށް ވެގެންދާއިރު ކުރީގެ ރައީސް ޔާމީން ފިޔަވައި މިކަމާ ދެކޮޅަށް ބަސް ބުނާނެ ސިޔާސީ ލީޑަރުން ނެތުމަކީ ހިތާމައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިއަދު މިނިވަންކަމެއް ނެތް ކަމަށާއި މިނިވަންކަން އޮތްނަމަ ރާއްޖޭގެ ކަންކަން ހިނގާނީ އިންޑިއާ ސަފީރު އަންގާ ގޮތަކަށް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މިއަދު ރާއްޖެ މިއޮތީ ރިޔާސީ އިންތިހާބުގެ މަސައްކަތެއް ކުރެވޭ ހާލަތުގައި ވެސް ނޫން ކަމަށާއި މިހާރު ރާއްޖެ ހިނގަމުންދާ ގޮތަށް ހިނގަމުންދާނަމަ ރިޔާސީ އިންތިހާބެއް އޮވެދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އޮތް ނުރައްކަލަކީ އަޅުގަނޑުމެންނަަކަށް ނޭނގެ އިންޑިއާ ސިފައިން ތިބީ ކިހާ ވަރަކަށް ކަމެއް. ތިބީ ކޮން ތާކު ކަމެއް، ކޮން ނަން ނަމެއްގައި ކަމެއް. ތިބީ ވަޒީފާއެއްގައި ކަމެއް،" އަދުރޭ ވިދާޅުވި އެވެ.