ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށް ރީންދޫ ސަމާލުކަން ނެރެފައިވާ ކަމަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި އަތޮޅުތަކަށް ވަރަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން މިއަދުގެ ހެނދުނު ވަނީ ޅ.އަތޮޅުން ފެށިގެން ތ. އަތޮޅަށް ވެސް ރީނދޫ ސަމާލު ނެރެފަ އެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫއަށް ވެސް ހުދު ސަމާލު މެޓް އޮފީހުން ވަނީ ނެރެފަ އެވެ.
މި ސަރަހައްދަށް މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް މޫސުމީ އިންޒާރު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އަދި 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަނދާނެ ކަމަށް މެޓުން ބުނެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ 17 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ހަތް އަތޮޅެއްގެ 19 ރަށަކަށް އިއްޔެ ވަނީ އުދަ އަރާފަ އެވެ.
އިއްޔެވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް އުދައަރާ އެކިވަރުގެ ގެއްލުންތައްވެފަވާއިރު، މެޓުން މިއަދު ވެސް ލަފާކޮށްފަ ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެކި ހިސާބުތަކަށް އުދައަރާނެ ކަމަށެވެ.