އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުން ވަތްކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުން ވަދެފައިވާ ކަމަށް އެމީހުންގެ ވަކީލުން ވަނީ ތުހުމަތު ކޮށްފަ އެވެ.

މިމައްސަލާގައި މިހާތަނަށް ފުލުހުން 21 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަކީލުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ފުލުހުން ބުނީ މިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ތަކާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުގައި ބައިތިއްބާފައި ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށް ބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިނލަބުވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފެދި އިތުބާރު ގެއްލިދާނެފަދަ ކަމެއްކަމުގައި ވީހިނދު، މިފަދަ ހަބަރުތައް ގެނެސް ދިނުމުގައި އިތުބާރުކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތައް ހިނގާފައިވަނީ ފުލުހުންގެ ސެކިއުރިޓީ ބްރީޗެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި، ހައިކޮމިޝަންތަކުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެފަ އެވެ. މިހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްވެސް ރައީސް ސޯލިހު ވަނީ އެކުލަވާލައްވާފަ އެވެ.