ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އެޅި ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތްތައް ހުރަސް އެޅި މައްސަލާގައި މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
އެންމެ ފަހުން ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ.
މުހައްމަދު އިސްމާއިލްގެ ފަރާތުން އިސްތިއުނާފު މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު އެމައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހުގައި އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ.
ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އެޅި މައްސަލާގައި ހައްޔަރު ކުރި މީހުންނާމެދުގައި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތާމެދުގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.