އިސްލާމް ދިނާއި ގުޅުން ހުރި ކަންކަމުގައި ހުކުމްތައް ނެރެންޖެހޭނީ ދައުލަތުގެ ރަސްމީ ނިޒާމްގެ ތެރެއިން ކަމަށާއި ވަކިވަކި ފަރުދުން އަމިއްލައަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ޔޯގާ މައްސަލާގައި ދިވެހިން މެދުގައި ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައި އެވެ.
ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމީ އަދި ގާނޫނީ ދައުލަތެއްގައި ހުކުމްތައް ނެރޭނީ އެދައުލަތެއްގެ ރަސްމީ ނިޒާމުގެ ތެރެއިން ކަމަށެވެ. އެކަން ކުރާނީ ވަކިވަކި ފަރުދުން އަމިއްލަ އަމިއްލައަކަށް ނޫން ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ.
ކޮންމެ މީހަކު ދައުލަތުގެ ނިޒާމުން ބޭރުން ކަންކަން ނިންމަން ފަށައިފިނަމަ ދައުލަތެއްގެ ބޭނުން ކެނޑި ހިނގައިދާނެ ކަމަށްވެސް ވައްޑެ ވިދާޅުވި އެވެ. އަދި ނިޒާމެއް ނެތް ތަނެއްގައި ހަމަޖެހުމެއް، ރައްކާތެރިކަމެއް، އަދި މިނިވަންކަމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށާއި ޔޯގާ އެއްވެސް ހާލަތެއްގައި ހުއްދަ ނުވާނެކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އަދި ބައެއް ދީނީ އިލްމުވެރިންވަނީ ރަޔުއުނެރެފަ އެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވަނީ ޔޯގާއަކީ ހުއްދަ އެއްޗެއް ކަމަށް ބުނެ ދިރާސީ ރިޕޯޓެއްވެސް ވަނީ ނެރެފަ އެވެ.
މިމައްސަލާގައި ބައެއް ސިޔާސީ ފަރާތްތަކުންވެސް އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޔޯގާއަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ބަހަށް ތާއީދުކުރައްވާ ހަސަން ލަތީފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައިވެސް އަދި އެއްވެސް ޤާނޫނެއްގައިވެސް މަނާ ކަމެއް ނޫންކަމަށާއި އަދި އެއީ އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫންކަމަށެވެ.
ޔޯގާގެ ހުކުމާމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމާއި، ދީނުގަ ހަރާމްނުވާ ކަންކަން ހަރާމް ކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މިމައްސަލާގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރުވެސް ދައުލަތުގެ ނިޒާމްގެ ތެރެއިން މިކަމުގައި ބަސް ބުނަށްޖެހޭ "ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަދިވެސް އޮތީ ނިދާފަ އެވެ. މިކަމާއި ގުޅީގެން އިސްލާމިކް މިނިސްޓްރީންވެސް ވަކި އެއްޗެއް މިއަދާހަމައަށް އައިރުވެސް ހާމަކޮށްފައިނުވާކަން ހިތާމަޔާއެކު ފާހަގަ ކުރަމުންނެވެ.