ދިވެހި ސަރުކާރާއި އެމެރިކާ ގުޅިގެން "ޓެމްޕެސްޓް ވިންޑް 2022"ގެ ނަމުގައި ދެގައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި ކައުންޓާ ޓެރަރިޒަމް ފަރިތަކުރުންތަކެއް ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފަރިތަކުރުންތައް ކުރިއަށްދާނީ ސެންޓްރަލް އޭރިޔާ އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި އެވެ. މިއީ ރާއްޖޭގައި ބޭއްވޭ ހަތަރު ވަނަ ފަރިތަކުރުންތަކެވެ.
އެމެރިކާ އެމްބަސީގެ ބަޔާނެއްގައި ވަނީ މި ތަމްރީންތަކުގައި ރާއްޖެ އަދި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓާ ޓެރަރިޒަމް (ސީޓީ) ސްޓްރެޓަޖީއަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެ އެވެ. މި ތަމްރީންތަކުގެ ސަބަބުން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގައާއި ކޯޑިނޭޓްކުރުމުގަ އަދި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓް ކުރެވި އިސްލާހުކުރަންވީ ކަންކަން ފާހަގަވެގެންދާނެ އެވެ.
މި ތަމްރީންތަކުގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި މިފަދަ ހާލަތެއްގައި ރާއްޖެ އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި، އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ޓެސްޓްކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ހިމެނޭނެ އެވެ.
"ޓެމްޕެސްޓް ވިންޑް 2022"އިން ހާސިލްވާނެ ތަޖުރިބާތަކަކީ އަޅުގަނޑުމެން ދެގައުމުގެ ތަމްރީން ބޭނުންތަކާއި އަދި ދެ ގައުމު ގުޅިގެން މިލިޓަރީ ތަފާތު އޮޕަރޭޝަންތަކުގައި ދިމާވާނެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރުވާނެ ކަންކަމެވެ.
މި ތަމްރީން ފަރުމާކުރެވިފައިވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓާ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށެވެ.
"ޓެމްޕެސްޓް ވިންޑް" ފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ ބިންގާ އިތުރަށް ވަރުގަދަވެގެން ދާނެ އެވެ.
މިފަދަ ތަމްރީންތަކަކީ ޔޫއެސް އިންޑޯ-ޕެސިފިކް ކޮމާންޑްއިން ކުރިޔަށް ގެންދާ އަސްކަރިއްޔާތަކާ ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ.
އިންޑޯ-ޕެސިފިކް ސަރަހައްދުގެ އެކި ގައުމުތަކާއި ގުޅިގެން ހިންގޭ މިފަދަ ތަމްރީންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއިން ތަފާތު އެކި މާހައުލުތަކުގައި ހަރަކާތްތެރިވުމުގެ އަމިއްލަ ގާބިލްކަން އިތުރުވެގެންދެ އެވެ. މި ތަމްރީނުން އިއްތިހާދުގެ ގައުމުތަކުގެ ރައްކާތެރިކަމާއި ދިފާއީ ގާބިލްކަން ވަރުގަދަވެގެންދާނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަކީ ދެ ގައުމުން ވެސް އިސްކަންދޭ ކަމެއް ކަމަށް ވާތީވެ، ކޮވިޑް-19 އާ ގުޅިގެން އަމަލުކުރަމުންދާ ދަތުރުފަތުރުކުރުމުގެ ގަވާއިދުތަކަށް އެމެރިކާގެ ބާރުތަކުން ފުރިހަމައަށް އަމަލުކުރުމާއެކު ބަދަލުވަމުންދާ ހާލަތްތަކަށް ތައްޔާރުވެ، އިޖާބަދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާނެ އެވެ.
"ބައިނަލްއަގްވާމީ ގާނޫނީ ހަމަތައް ދިފާއުކުރުމަށް އެމެރިކާއިން ދެމިއޮންނާނެކަމާއި އަޅުގަނޑުމެންގެ ބައިވެރިންނަށް ދޭ އެއްބާރުލުމާއި އަދި އަޅުގަނޑުމެންގެ ބާރުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވާކަން މިފަދަ ހަރުދަނާ ތަމްރީންތަކުން ދައްކުވައިދެ އެވެ." އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޓެމްޕެސްޓް ވިންޑް" ގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަވެ، ސަރަހައްދީ ނުރައްކާތަކަށް ހަލުއިކަމާއެކު އިޖާބަދިނުމަށް ސަރަހައްދީ ބައިވެރިންގެ ގާބިލްކަން އިތުރުކޮށްދޭނެ އެވެ. މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއް އުފެދި އެންމެނަށް ފާގަތިކަމާއި ހަމަޖެހުމާއި އަދި އަމާންކަން ލިބިގެންދާނެ އެވެ.