ކަންކަމާ މާބޮޑަށް ވިސްނައި ފިކުރުކޮށް ނުވަތަ ކަންކަމާ ހިތާމަ ކުރުމަކީ ޑިޕްރެޝަންއަށް ދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ. ގިނަ ފަހަރު ޑިޕްރެޝަަންއަށަ މަގުފަހިވަނީ ހިތުގައި އުދެފޭ އުދާސް ތަކާއި ހިތާމަތައް ހިއްސާ ކުރާނެ މީހަކު ނެތި އެކަމުގައި ގިނަ ދުވަސްތަކެއް ހޭދަ ވުމުންނެވެ.
މި ލިޔުމުގައި މިބަލާލަނީ ޑިޕްރެޝަންގެ ސަބަބުން ފެންނާނެ ބައެއް އަލާމާތް ތަކަށެވެ.
މިޒާޖު ބަދަލުވުން
ޑިޕްރެޝަންއަކީ ތިމާގެ އުޅުމަށް ވެސް އޭގެ ސަބަބުން ބަދަލު ގެނުވާނެ ކަމެކެވެ. އެގޮތުން ބޭރަށް ދިއުން މަދުވުމާއި އެކަހެރިވެ އެކަނި އިނުމަށް ބޭނުން ވުމަކީ ވަރަށް އާއްމު އަލާމާތެކެވެ. ހަމަ އެހެންމެ، އާއިލާ އާއި ރަހުމަތްތެރިންނާ އޮންނަ ގުޅުން ކުޑަވުމާއި އެކަމެއް ކުރުމުން ހިތް ހަމަޖެހުން ލިބޭ ކަންތައްތަކާ ދުރުވުމަކީ ވެސް ޑިޕްރެޝަންގެ އަލާމާތްތަކެވެ. އޭގެ އިތުރުން ކަންކަމަށް ސަމާލުކަން ނުދެވުމާއި މަސައްކަތްކުރާ ހިތް ނުވުން ނުވަތަ ސުކޫލްގައި އުޅޭ ކުއްޖެއްނަމަ ސުކޫލަށް ދާ ހިތް ނުވުމަކީ ވެސް އޭގެ އަލާމާތް ތެކެވެ.
އިހުސާސްތަކަށް ބަދަލު އައުން
ތިމާގެ އުފާވެރިކަން ގެއްލި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަ ވުމަކީވެސް ޑިޕްރެސް ވެފައިވާ ކަމުގެ އަލާމާތެކެވެ. އަދި އަބަދުވެސް ބޯ ގޮވާފައި ހުރުމާއި މާޔޫސްވެފައި ހުރެވުމަކީ ވެސް ޑިޕްރެޝަންގެ އަލާމާތް ތަކެވެ.
ހަމައެހެންމެ، އަމިއްލަ ނަފްސު ކުށްވެރި ކުރެވުމާއި ތިމާއަކީ އެއްވެސް މީހެއް ނޫންކަން ނުވަތަ އެއްވެސް އަގެއް ނެތް ބޭކާރު މީހެއް ކަމަށް ގަބޫލު ކުރެވުމުގެ އިތުރުން އެއްވެސް ކަމެއް ރަނގަޅަށް ނުވާނެކަން ނުވަތަ އިދިކީލި ވިސްނުން (ނެގެޓިވް ތިންކިން) ގެންގުޅުމާއި ކާހިތް ނުވެ ބަރުދަން ލުއި ވުމަކީ ވެސް ޑިޕްރެޝަންގެ ސަބަބުންފެންނަ އަލާމާތްތަކެވެ.
މަތީގައި މި ބަޔާން ކުރެވުނު އަލާމާތްތައް ތިބާގެ ކިބައިން ފެންނަނަމަ ތިބާގެ ހިތާމަތައް އެހެން މީހަކާ ހިއްސާ ކުރާށެވެ. ތިބާގެ ހިތުގެ ހާލަތު ނުވަތަ ތިބާ ތަހައްމަލު ކުރާ ކަންކަން އެހެން ފަރާތަކާ ހިއްސާ ކުރެވުމުން ހިތަށް ލުއިކަމެއް ވެސް ލިބޭނެ އެވެ. އެއާއެކު ލަސް ނުކޮށް ސިއްހީ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުމަކީ ވެސް ވަރަށްވެސް މުހިއްމު ކަމެކެވެ. ސަބަބަކީ ފަރުވާ ނުކޮށް ފަރުވާ ކުޑަކޮށްލެވުމަކީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަކަށް ވާތީ އެވެ.