މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ދައުލަތް ފެއިލްވެފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ނިޒާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި ރާއްޖެ ހަލާކުވެ ނިމެނީ ކަމަށެވެ. އަދި މިކަމުގައި މުޅި ދައުލަތް ފެއިލްވެ ނިމެނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ރައްޔިތުން ގޮތްހުސްވެ ގާނޫނު އަތަށް ނަގަން ފަށައިފި ކަމަށާއި މިކަމަށް ހައްލު ހޯދަން އޮތް ހުރަހަކީ ކޮބައިކަން ވެސް ބުނެނުދެވޭ ކަމަށެވެ.
މިކަމުގައި ޒިންމާ ނަގާނެ ބަޔަކު ވެސް ތިބެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހާއްސަ ޓާސްކް ފޯހެއް ވެސް އެކުލަވާލައިފަ އެވެ. ނަމަވެސް އެ ޓާސްކު ފޯހަށް ވެސް ނަތީޖާ ނެރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.