ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.
ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިއަށްގެންދަވާ "އާސްކް ސްޕީކާ"ގެ ދެ ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވަނީ ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަންކަމަށާއި، ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޝޯގައި އާންމު ފަރާތްކުން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، އަދި މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނު ކަމަށެވެ.
ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ރައީސް ސާލިހާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ނަޝދު ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ވިދާޅުވި އެވެ. އަދި ނިޒާމް ކަނޑައެޅުމުގައި ދެން ވެސް ދާން އޮތީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެފަހަރުގެ ވޯޓުގައި ރިޔާސީ ނިޒާމަކުން ވެރިކަން ކުރަން ފާސްވީ، 62.4 ޕަސެންޓުންނެވެ. ބަރުލަމާނީ ނިޒާމަށް ލިބުނީ 37.96 ވޯޓެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ކެމްޕޭން ކުރީ ވެސް ހަމައެކަނި އެމްޑީޕީންނެވެ. ރާއްޖޭގެ އެހެން ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރީ ރިޔާސީ ނިޒާމަށެވެ.