ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 7،000 ހައުސިން ޔުނިޓްގައި ކުލަ ލަނީ ފްލެޓްތަކުގެ ކުލަ ފިލުމުން އާ ކުރަންޖެހުމުން ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހިޔާ ފްލެޓްގެ ކުލަ ރީނދޫ ކުލައަށް ބަދަލުކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެކަން ރައްޔިތުންނަށް އޮޅުންފިލުވާ ދިނުމުގެ ގޮތުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހިޔާ ފްލެޓްގައި ލާން ފަށާފައި ވަނީ އޮރެންޖް ކުލަ އެވެ. އަދި އެއީ މިއަހަރުގެ ޖެނުއަރީ މަހު ވެސް ފަށާފައިވާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި 7،000 ހައުސިން ޔުނިޓްގެ ބައެއް ބިލްޑިންގްތަކުގައި އޮރެންޖް ކުލަލާފައި. ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ކުލަ ލުމުގެ މަސައްކަތް ކުރަމުން އަންނަނީ ފްލެޓްތައް ހެދުމުގެ މަސައްކަތް ވެސް ކުރި ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައި ނުވާތީ މި މަސައްކަތް ކުރުމަށް އެއްވެސް ޚަރަދެއް އެޗްޑީސީން ނުވަތަ ސަރުކާރުން ނުކުރާކަން ވެސް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ ނިޔަލަށް ފައިނަލް ކުރެވޭނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޓީން ބުނެފައިވެ އެވެ. އަދި މިހާރު އަންނަނީ ވަގުތީ ލިސްޓުތަކަށް ލިބިފައިވާ ޝަކުވާތައް ރިވިއުކޮށް ޖަވާބުދާރީވުމުގެ މަސައްކަތް ކަމަށާއި މިހާރު އިއުލާން ނުކުރެވިވަނީ ހަމައެކަނި ސިވިލް ސާވިސް މުވައްޒަފުންގެ ކެޓެގަރީގެ ވަގުތީ ލިސްޓް ކަމަށް ވެސް ފްލެޓް ކޮމިޓީން ބުނެފައިވެ އެވެ.