ޔޮންގްޔޭން (19 ނޮވެމްބަރު) - އުތުރު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މި ސައިލްއެއް ޓެސްޓުކޮށް އިތުރު ނިއުކްލިއާ ހަތިޔާރުތައް އުފައްދާނެ ކަމަށް ބުނެފި އެވެ.
އިއްޔެ ކުރި މިސައިލް ޓެސްޓުގެ ކަންކަން ބައްލަވާލައްވަން ވަޑައިގެންނެވި އެގައުމުގެ ރައީސް ކިމް ޖޮންގް އުންގް ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ބާރު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އުުތުރު ކޮރެއާއިން މި މިސައިލް ޓެސްޓު ކޮށްފައި މިވަނީ އެގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ނިއުކްލިއާ ހަަރަކާތްތައް އިތުރު ކުރާނެ ކަމަށް ބުނެ އެމެރިކާއަށް އެގައުމުން އިންޒާރު ދިންތާ އެއް ދުވަސް ފަހުންނެވެ.
ކިމް ޖޮން އުންގްގެ ދަރިފުޅާއެކު ފުރަތަމަ ފަހަރަށް އާއްމު ތަނަކަށް ވަޑައިގެން އިއްޔެގެ ލޯންޗުގައި އޭނާ ވިދާޅުވީ އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން އުތުރު ކޮރެއާއަށް ދެމުން އަންނަ އިންޒާރުތަކަކީ އެގައުމުން ނިއުކްލިއާ ހަރަކާތްތައް އިތުރުކުރާ މައިގަނޑު ސަބަބު ކަމަށެވެ.
އިއްޔެ ޓަސްޓުކުރި މިސައިލް 69 މިނެޓު ތެރޭގައި 1000 ކިލޯމީޓަރު ދުރަށް ދަތުރު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ޖަޕާނުން ވަނީ އެ މިސައިލްއަކީ 15000 ކިލޯމީޓަރު ދުރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ބުނެފަ އެވެ.
އުތުރު ކޮރެއާގެ މިސައިލް ޓެސްޓް އެމެރިކާއާއި ހުޅަނގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރި ނަމަވެސް އުތުރު ކޮރެއާއިން އެ އިންޒާރުތަކަށް ޖެހިލުން ނުވާނެ ކަމަށް ކިމް ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ