އެމެރިކާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު މައިކަލް މޭން، ލޮސް އެންޖެލިސްގެ ބަޑިޖަހާ ރޭންޖެއްގައި އުޅެނިކޮށް އޮޅުމަކުން އޭނާގެ ފަޔަށް ބަޑިޖެހި، ހޮސްޕިޓަލުގައި ފަރުވާދީފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާ ކަށަވަރުކޮށްދީފައިވަނީ އޭނާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން މައިކަލް މޭންގެ ތަރުޖަމާނު ބުނެފައިވަނީ، ހޮނިހިރު ދުވަހު ބަޑިޖަހާ ރޭންޖެއްގައި އުޅެނިކޮށް، އޭނާގެ އުނަގަނޑުގައި އަޅުވާފައި އޮތް ފިސްތޯލައެއް އޮޅުމަކުން ގޮވައި، ފަޔަށް ކުޑަ އަނިޔާއެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް 'ދަ ހޮލީވުޑް ރިޕޯޓާ' އިން ރިޕޯޓްކޮށްފައިވެ އެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ 2023 ވަނަ އަހަރު ނެރުނު "ފެރާރީ" އެވެ. އެޑަމް ޑްރައިވަރާއި ޕެނެލޯޕޭ ކްރޫޒް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ، ކުރީގެ ރޭސިން ޑްރައިވަރު އެންޒޯ ފެރާރީގެ ވިޔަފާރި ބަނގުރޫޓުވެ، އޭނާގެ އަމިއްލަ ދިރިއުޅުން ހީނަރުވަމުންދިޔަ ދުވަސްވަރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް ފިލްމެކެވެ.
މައިކަލް މޭންގެ ފާހަގަކޮށްލެވޭ އެހެނިހެން ފިލްމުތަކުގެ ތެރޭގައި "ހީޓް"، "ތީފް"، "މޭންހަންޓާ"، "ކޮލެޓަރަލް" އަދި "ދަ އިންސައިޑާ" ހިމެނެ އެވެ. އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "ހީޓް 2" އުފެއްދުމަށެވެ. މިއީ 1995 ވަނަ އަހަރު އަލް ޕަޗީނޯ އާއި ރޮބަޓް ޑި ނީރޯ ކުޅުނު މަޝްހޫރު ކްރައިމް ޑްރާމާ "ހީޓް" ގެ ސީކުއަލްއެކެވެ. މި ފިލްމުގައި ކްރިސް ޝިހާލިސްގެ ރޯލުން ލިއޮނާޑޯ ޑިކެޕްރިއޯ ފެނިގެންދާއިރު، ވިންސެންޓް ހާނާގެ ރޯލުން ފެންނާނީ ކްރިސްޓިއަން ބޭލް އެވެ.
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
އެމްޑީޕީން ފެންނަނީ ހަރުކަށި ގައުމިއްޔަތުގެ ޝިއާރުތަކެއް: ނަޝީދު