އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުން ޑިޕްލޮމެޓިކް ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ނަމަވެސް އެންމެ ގޯސް ހާލަތަކަށް ވެސް ޔޫއޭއީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އިސް މަސްއޫލުވެރިޔަކު ވިދާޅުވެއްޖެ އެވެ.

ބަހްރޭންގެ މަނާމާގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައިގެ އިތުރު ބުރެއް ފެށުމަކީ ސަރަހައްދީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާ ފަދައިން، ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަށް ވެސް އެ ގައުމުން ތައްޔާރަށް ތިބި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ގަތަރުގެ އޮފިޝަލުންގެ ޓީމެއް މި ހަފުތާގައި ތެހެރާނަށް ކުރި ޒިޔާރަތަށްފަހު، އެމެރިކާއާއެކު ނުސީދާކޮށް ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން އީރާނުން ވަނީ ގަތަރަށް މަންދޫބުން ފޮނުވައިގެން މަޝްވަރާތައް ކުރިއަށްދާނެ ގޮތުގެ ވާހަކަތައް އިތުރަށް ކުރިއަށް ގެންގޮސްފަ އެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ދެ ތަނަކަށް އަދިވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ. އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ނިއާ އީސްޓަން އެފެއާޒް ޑޮނަލްޑް ބްލޫމް ވިދާޅުވީ، އީރާނުން މުޅި ސަރަހައްދާއި ދުނިޔޭގެ އިގުތިސާދު ރަހީނުކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި މަޝްވަރާގެ ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް، އެހެން މިސްރާބަކަށް ދިއުމަށް ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނަށް އަލުން ހަމަލާދިނުމާމެދު ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި، ދިޕްލޮމެޓިކް ހައްލަކަށް އެމެރިކާއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އީރާނާއި އެމެރިކާ-އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުނީ މިއަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އެމެރިކާއާ ގުޅުންހުރި ގަލްފު ގައުމުތަކަށް ވެސް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.