ބޮޑުތަކުރުފާނު މަގު މަސްވެރިންގެ ޕާކު ކުރިމަތީގައި ހުންނަ އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލު ކޮށް ނަންބޯޑު ބަދަލުކޮށްފި އެވެ.
ތެލުގެ ވިޔަފާރިކުރުމަށް އެސްޓީއޯ އިން އުފެއްދި ސަބްސިޑިއަރީ، އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކުންފުނިން އިއްޔެ ހެދުނު ހަފްލާއެއް ވަނީ ބާއްވާފަ އެވެ. މި ޙަފްލާގެ ޝަރަފުވެރި މެހެމާނަކީ އެސްޓީއޯ ގްރޫޕް ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ. އަދި އެފްއެސްއެމްގެ ޗެއާމަން އަބްދުލް ވާހިދާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އިތުރުން ކުންފުނީގެ ބޯޑު މެމްބަރުންނާއި ކުންފުނީގެ މެނޭޖްމަންޓް އަދި ހުރިހާ މުއައްޒަފުން ވަނީ އެ ހަފްލާގައި ބައިވެރިވި އެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯ ގްރޫޕް ސީއީއޯ އަމްރުގެ ވާހަކަފުޅުގައި 20 އަހަރު ދުވަހުގެ ޚިދުމަތަކީ ކުރު މުއްދަތެއް ނޫން ކަމަށާއި، މިހާ ގިނަ ދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވަރކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމުގައި ފާހަގަކޮށްލެއްވި އެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ދުވަސްވަރެއްގައި އެފްއެސްއެމްއިން ވެސް ޙާލަތުތަކާއި ގުޅިގެން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް ނަސޭހަތްތެރިވި އެވެ.
އެ ހަފްލާގައި އެސްޓީއޯއިން އެކުންފުނީގެ 8.5 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު (އަލިހުރަސް) އެފްއެސްއެމްއަށް ޓްރާންފާ ކޮށްދެއްވާފައި އެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮއުފުލާ ޓޭންކާ އެފްއެސްއެމްއަށް ލިބުމުން އެކަމަށް އަމްރު މަރުޙަބާ ދެންނެވި އެވެ.
މި ހަފްލާގައި އަމްރު އަދި ގަސަމް ވަނީ އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލު ކޮށް ނަންބޯޑު އިފްތިތާޙް ކޮށްދެއްވާފަ އެވެ.
ހަފްލާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ 2019 ވަނަ އަހަރު ވެގެންދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑުފައިދާއެއް ނެރުނު އަހަރު ކަމަށެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 އާއި ގުޅިގެން މުޅިދުނިޔެއަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކުގެ ސަބަބުން، މިއަހަރަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާސިލްނުކުރެވުނު ނަމަވެސް، 2021 ވަނަ އަހަރަށް ހެދިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކޮށްދެއްވުމަށް މުއައްޒަފުންގެ އަރިހުން އެދިލެއްވި އެވެ.
އެފްއެސްއެމްއާއި ގުޅުމަށްފަހު މުވައްޒަފުންގެ ޝަކުވާތައް އަޑުއައްސަވައި، މުއައްޒަފުންނަށް އުފާވެރި މަސައްކަތުގެ މާޙައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަށްވާ ކަމަށް ވިދާޅުވި އެވެ. މިގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެފްއެސްއެމްއަށް އެކަށީގެންވާ ވަރުގެ އޮފީސްޖާގަ ހޯދުމަށް އެސްޓީއޯއާއި ވާހަކަ ދައްކަވައި، މިހާރު އެފްއެސްއެމް ހިންގާ އިމާރާތުން އިތުރު ހަތަރު ބްލޮކްގެ ޖާގަ އެފްއެސްއެމްއަށް ލިބިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ އިދާރީމަސައްކަތް ކުރަށްވާ އެންމެހާ މުއަޒަފުންނަށް އެއްތަނެއްގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޙަފްލާގައި އެފްއެސްއެމްއަށް 20 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހަތަރު މުއައްޒަފަކަށް އެ މުވައްޒަފުންގެ ޚިދުމަތް ފާހަގަކޮށް ހަނދާނީ ފިލާ ދެއްވި އެވެ.
އެފްއެސްއެމްގެ އިޖުތިމާޢީ ޒިންމާގެ ދަށުން މިއަހަރު ވެސް ގައުމަށް އިޖުތިމާޢީ އަގުހުރި ޚިދުމަތްފޯރުކޮށްދޭ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއަކަށް ފައިސާގެ އެހީދިނެވެ. މިގޮތުން އެހީ ދިނީ ޖަމިއްޔަތުލް ތައާވުންއެވެ. އެ ޙަފްލާގައި މި އެހީ އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ރަޝީދު އަލީއާ ޙަވާލު ކޮށްދެއްވީ އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް އެވެ.
މީގެ އިތުރުން މިއަދުގެ ހަފްލާގައި އެފްއެސްއެމް ބިލްޑިންގެ ނަމާއެކު އިމާރާތުގައި ދިވެހި ދިދައާއި އެސްޓީއޯ އަދި އެފްއެސްއެމްގެ ދިދަ އުފުލިގެން ދިޔަ އެވެ.
އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ޙިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް އުފެއްދީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓްކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އެފްއެސްއެމް އަކީ ދިވެހި ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ އެއް ކުންފުންޏެވެ.