ކުރިޔަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދާންދޫ ސްކޫލްގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ދާންދޫއަކީ މަސްވެރި ރަށެއް ކަމަށް ވިދާޅުވެ، މަސްވެރިންނަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކަށް އެދެވޭ ހައްލުތަކެެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފަ އެވެ. މިގޮތުން ކުރިޔަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މިގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ބޭނުންތެރިކަމާއި، ދޯނި ފަހަރު އެހެލާނެ ސަރަޙައްދެއް ގާއިމުކުރުމާއި، މަސްކިރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ. އަދި، ރަށުގައި އެއާޕޯޓެއް ގާއިމުކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަން އެރަށުގައި ކުރިޔަށް ގެންދަން ބޭނުންކަމާ އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތެއް ބޭނުންވާކަން ފާހަގަ ކޮށްފައިވެެ އެވެ. މީގެ އިތުރުން ވެސް ރައްޔިތުން ވަނީ ދާންދޫއިން ލިބޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކަންކަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފަ އެވެ.

ރައީސް ވަނީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ދާންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫ ސިއްހީ މަރުކަޒަށް ޒިޔާރްތަކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި ސިއްހީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. ދާންދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ ސިއްހީ މަރުކަޒެކެވެ.

ރައީސް ދާންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް މިއަދު ފެށްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.