ނަސޭހަތާއި ލަފާ ދިނުމުގެ ފުރުސަތު ފުރިހަމައަށް އެބައޮތްކަމަށާއި އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަަށްވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަރުގަދަ ރައްދެއް މިރޭ ދެއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގެން ބޭއްވެވި އެންމެ ފުރަތަމަ ޖަލްސާގައި، މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނަކީ ރައްޔިތުންނާއި އެންމެންގެ އަޑުއަހާ ބޭފުޅަކަށް ވެވަޑައިގަންނަވާނެކަމަށެވެ. އަދި ކަންކަން ނިންމުމުގައި އެހެން މީހެއްގެ ނުފޫޒަށް ނުގުޑާނެ ކަމަށެވެ.
"އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން. މަޝްވަރާ ކުރަންވީ، ވާހަކަތައް ވެސް ހިއްސާކުރަންވީ. އަޅުގަނޑު ކަންތައްތައް ނިންމާނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއެކު،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއްކަމަކީ ރައީސް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެނަމަ ކޯލިޝަން ހަދާނެ ބައިވެރިޔަކު ނުވާނެ ކަމެވެ. އަދި ކޯލިޝަނަކާއި ވަކިން އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން 2013 ވަނަ އަހަރާއި 2018 އަދި 2008 ވަނަ އަހަރުގެ ތަޖުރިބާ އިން ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
"2013 ވަނަ އަހަރު ވެސް އަޅުގަނޑުމެންނަށް ފުރަތަމަ ބުރުން %48 ލިބުނު. ނަމަވެސް ދެވަނަ ބުރުގައި %2 ވޯޓް އިތުރަށް ނުހޯދުނީ އަޅުގަނޑުމެންނާ ކޯލިޝަން ހަދާނެ ޕާޓްނަރެއް ނުލިބުމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުވެސް ގެންދަވަނީ ކެޕްމެއިން ކުރައްވަމުންނެެވެ. އެގޮތުން އެންމެ ފަހުން ކެޕްމެއިނަށް ރައީސް ނަޝީދު ވަޑައިގަތީ ފުވައްމުލަކަށެވެ.