މި ސަރުކާރުން ބ. ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން އޭދަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަތަރު އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނައިރު ބ. އަތޮޅުގައި ތަރައްގީކުރާ ދެ ވަނަ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ދެ ހަފްތާ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޖުލައި މަސް އަންނަވާއިރަށް ބިން ހިއްކާ އެއާޕޯޓުގެ މަސައްކަތް ފެށޭނެކަން ވެސް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓް ބޭނުން ކުރެވޭވަރުކުރުމަކީ އުއްމީދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"...ތުޅާދޫގައި އަޅުގަނޑުމެން އަޅަންވީ އެއާޕޯޓްގެ އެ ވައުދު ފުރިހަމަކުރުމުގައި މިހާރު އޮތީ ކުޑަދުވަސްކޮޅެއް. އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި އަޅުގަނޑުންމެން އެކަން ކުރުމަށް ބަޔަކާއި ހަވާލުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު އަރުވަން." ރައީސް ވިދާޅުވި އެވެ.

ބ،ތުދާޅޫ

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ މ. މުލީ އެއާޕޯޓާއި، ފ. މަގޫދޫ އެއާޕޯޓާއި، ގދ. ފަރެސްމާތޮޑާއި އެއާޕޯޓްގެ މަސައްކަތެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ވިއްސަކަށް މިނެޓް ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ބާއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މިސަރުކާރުން ދަމަހައްޓާނެ ކަމަށް މި ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ އެއާޕޯޓްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.