ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އައްޑޫން 70 އިންސައްތަ ވޯޓު ލިބޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިފަދައިން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް، ކެމްޕޭން ދަތުރުފުޅަށް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނާ އެކު ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ވާަކަދައްކަވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިންތިހާބުވެ، އެމްޑީޕީ ސަރުކާރެއް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ނިޒާރު ފާހަގަކުރައްވާފައިވެ އެވެ.
އޭނާ ވިދާޅުވީ، ޕްރައިމަރީގެ ނަތީޖާގެ ސަބަބުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވަނީ ތަފާތު ފިކުރުތަކާއި އެކު މަސައްކަތް ކުރާނެ ލީޑަރެކެވެ. އަދި ރައީސް ސޯލިހަށް އިޝާރާތްކުރައްވައި ނިޒާރު ވިދާޅުވީ އެމަނިކުފާނަކީ "އެ ވިސްނުމާއި އެ ފިކުރާ އެކު ނުކުންނަ ކެންޑިޑޭޓެއް" ކަމަށެވެ.
"ޕާޓީގެ އެތެރޭގެ އިންތިހާބެއް މިއީ. އެކަމަކު މި އިންތިހާބު ނިމިގެންދާނީ އެމްޑީޕީ ވެރިކަން ދެމިއޮންނާނެތޯ ނަތީޖާ ނެރެވޭ ގޮތަކުން އެމްޑީޕީއަށް ނަތީޖާ ނުލިބިދާނެ،" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ރައީސް ސޯލިހަށް ވޯޓު ދޭންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫން ރައީސް ސޯލިހަށް ބޮޑު ތާއީދެއް އޮތް ކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.
"މި ތަނުން ރައީސަށް ލިބެންޖެހޭނެ %70، އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ކުރިން ވެސް ރައީސަށް ދެންނެވިން އެވަރު ލިބޭނެ ކަމަށް،" ނިޒާރު ވިދާޅުވި އެވެ.