ސިޔާސީ ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އިހަވަންދުއަށް ވަޑައިގަންނަވާއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސްކޫލު ދަރިވަރުން ނެރެން އެންގި މައްސަލަ ހޫނުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހް އިހަވަންދޫއަށް ވަޑައިގަންނަން ހަމަޖެހިފައިވާއިރު، އެ ސްކޫލްގެ ގްރޭޑު 1،2،3،4 އަދި 5 ގެ ދަރިވަރުން ނުކުތުމަށް ސްކޫލުން ވަނީ އަންގާފަ އެވެ. މި ދަރިވަރުން، ބެލެނިވެރިންނާ އެކު ބަނދަރު ސަރަހައްދަށް ހާޒިރުވުމަށް ސްކޫލުން އެދިފައިވެ އެވެ.

އެހެންނަމަވެސް މިފަދަ ސިޔާސީ ކަމެއްގައި ދަރިވަރުން ބައިވެރިކުރުވައި، މަރުހަބާ ކިޔުމަށް އަންގާތީ ބެލެނިވެރިން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސިޔާސީ ކަންކަމުގައި ދަރިވަރުން ނެރުމަކީ، ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ، އެކަން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން މިނިސްޓަރު ވަނީ ސެމްބަރު 3، 2018 ގައި ނެރުނު ސާކިއުލާއެއްގައި މިކަމަށް އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން އިހަވަންދޫ ސްކޫލްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.