މިސްކިތަކަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި ނައުޝާދު މޫސާ މިނިވަންކޮށްފައި ވަނީ އޭނާއަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެ 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ނޮވެންބަރު އެއް ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމުން ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތުމުން އޭނާ ބަންދުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ވަނީ 1 މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފަ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ބަންދުގައި ހޭދަކުރި މުއްދަތު ކޯޓުން އިއްވި އަދަބުން އުނިކުރުމުން، ނައުޝާދު އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ.