ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު މިމައްސަލައާ ގުޅޭގޮތުން ޓުވީޓު ކުރައްވާފައިވަނީ ޒިނޭގެ ދަރިން ސާބިތު ކުރުމަށް ޑީއެންއޭ ހެދުމަކީ ހަރާމް ކަމެއް ކަމުގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައިއޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާކުރާކަމެއް ނޫން ކަމަށެވެ. އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުންކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެންކަމުގައިވާ ނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފިންގަޕްރިންޓް ފަދަ ސައިންޓިފިކް ދަލީލުތައް ވެސް ގަރީނާގެގޮތުގައި ޝަރީއަތުން ބަލައިގަންނަ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ މި ޓްވީޓަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްވަނީ ރައްދު ދެއްވާފަ އެވެ.

އިޔާޒް ވިދާޅުވީ ޒިނޭ ކުރާ ފިރިހެނާ އޭނާގެ ދަރިއެއް ކަމަށް އެއްބަސްވާ ހާލަތުގައި ޑީއެންއޭ ހަދާފައި ދިމާވެއްޖެ ނަމަ އޭނާގެ ދަރި ނިސްބަތްކުރުން އެއީ އިލްމުވެރިންގެ މެދުގައި ބަހުސްކުރެވޭ މައްސަލައެއް ކަމަށެވެ. ނަމަވެސް އެފަދަ އިޢުތިރާފެއް ނެތް ހާލަތުގައި ޑީއެންއޭ އަށް ބަރޯސާ ނުވެވޭނެ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވި އެވެ.

ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ނިންމުމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންގެ މެދުގައި ވަނީ އެކަމާއި މެދު ޚިޔާލުތަފާތުވެފަ އެވެ.