ސައުދީ އަރައްބިއްޔާ އަކީ މުސްލިމް ގައުމުތަކުގެ ތެރޭގައި އެންމެ މާތް ބިންތައް ހިނެމޭ އެއް ގައުމެއްކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ. އެ ގައުމު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވިފައިވަނީ ތަނަވަސްކަމާއި، އިސްލާމީ ޝަރީއަތް ގާއިމުކުރާ ގައުމެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް މިފަހުން ސައުދީ އަރަބިޔާއިން ދަނީ އެގައުމުގެ އެކި ކަންކަމަށް ބަދަލު ގެންނަމުންނެވެ. ދީނާއި ހިލާފުވާ ކަންކަމަށް އެއްބާރުލުން ދިނުމާއި، އެގައުމުގައި ހަދާފައިވާ ބައެއް ގާނޫނު ތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

މި ބަދަލުތައް ގެނައުމާއި އެކު މުޅި ދުނިޔޭގެ އެކި ހަބަރުތަކުގެ ފަލަ ސުރުހީގައި ވެސް ދެކެވުނީ މިވާހަކަތަކެވެ. އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި އަންހެނުން ރައްކާތެރިކުރުވުމަށްޓަކައި ހަދާފައިވާ އެކި ގާނޫނުތައް ބަދަލުކުރި ވާހަކަތަކެވެ. ދީނާއި ޚިލާފު އެކި ސަގާފަތްތައް ދިރުވުމަށްޓަކައި ކޮންސެޓާއި، ހެލޮވީން ޕާޓީތައް ބާއްވާ ވާހަކަތަކެވެ. އަދި މިއުޒިކާއި ކުޅިވަރު ދިރުވައި އާލާކުރުމަށްޓަކައި މަޝްހޫރު ބޮޑެތި ކުޅުންތެރިންނަށާއި، ތަރިންނަށް އަގުބޮޑުކޮށް ހަރަދު ކުރާ ވާހަކަތަކެވެ.

މިކަމާއި ގުޅިގެން މުޅި ދުނިޔޭގެ މުސްލިމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިކަމުގެ ފަހަތުގައިވާ ބޭނުމަކީ ކޮބައިތޯ އަހަމުންދެ އެވެ. މި ސިއްރު ހޯދުމަށް، ކުރިމަގުގައި ސައުދީގެ އިގްތިޞާދު އޮތްގޮތަށް ބަލާލަންޖެހެ އެވެ.

އެގޮތުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިބެން ނެތް ވަރަށް ސައުދީ އަރަބިޔާގައި ތެޔޮ ލިބެ އެވެ. ތެލުން ލިބުނު މަންފާ ކިތަންމެ ބޮޑު ނަމަވެސް، ކުރިއަށް އޮތް މުސްތަގުބަލުގައި ތެލުގެ ބޭނުން މަދު ކުރުމަށް ދުނިޔެ ދަނީ ތައްޔާރުވަމުންނެވެ. ހަމައެހެންމެ މިކަމަށް ސައޫދީން ވެސް ތައްޔާރުވާނެކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

ގައުމުގެ އިގްތިޞާދު ދަށަށް ދިއުން ހުއްޓުވުމަށްޓަކައި އެ ގައުމު އަލުން "ރިބްރޭންޑް" ކޮށް، މީހުން އެ ގައުމާއި މެދު ދެކޭ ގޮތް ބަދަލުކުރުމަށްޓަައި ސައުދީން ކުރަމުންގެންދާ މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ. މިކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނީ ކުޅިވަރާއި މިއުޒިކުންކަމަށް އެގައުމުން ދެކެ އެވެ. އެއާއެކު، ސައުދީ އަކީ ކުޅިވަރާއި މިއުޒިކަށް ހާއްސަ މަންޒިލެއް ކަމުގައި ހެދުން ވަނީ މިއަދު އެގައުމުގެ އަމާޒަކަށްވެފަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި ބަދަލަކީ ސައުދީގެ ޕްރިންސް، މުހައްމަދު ބިން ސަލްމާން ބޮޑުވަޒީރުކަމާއި ހަވާލުވި ފަހުން އަންނަން ފެށި ބަދަލެކެވެ. ނަމަވެސް މިފަދައިން އަމަލު ކުރުމުގައި ސައުދީ ޕްރިންސްގެ އެހެން މަގުސަދެއްވާ ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.