ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އިއުލާން ކުރި ދުވަހެވެ. ރަސްމިއްޔާތުގެ ހައިބަތު ބޮޑެވެ. ހީވަނީ އެޕަލް ކުންފުނީގެ އާފޯނު ތައާރަފް ކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތެއް ހެންނެވެ. ހޯލު ޒީނަތްތެރިވެފައި އޮތީ އެހާ ވެސް ފުރިހަމައަށެވެ. ބޮކިތައް ދިއްލިފައި ހުރީ ރަގަޅަށެވެ. ކުއްލިއަކަށް ސްޓޭޖަށް އެރުއްވީ އެޕަލްގެ ސީއީއޯ ޓިމް ކުކްއެއް ނޫނެވެ. ފުރިހަމަ ސޫޓެއްގައި ހުރި ކަޅު، ދިގު، ފިރިހެނެކެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒެވެ. ސްމާޓް ހެލިފެލިވުމަކާ އެކު ބޮލުގައި ހަރުކޮށްފައި އޮތް މައިކްރޯފޯނުގެ އެހީގައި ވާހަކަ ދައްކަވަމުން މުއިއްޒު މެނިފެސްޓޯ އިއްވަވަމުން ގެންދެވި އެވެ.

މުއިއްޒު ވިދާޅުވި އެވެ. ރަސް މާލެއަކީ ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނެވެ. ރާއްޖޭގެ ގެދޮރު ބޭނުންވެފައިވާ އެންމެނަށް ގެދޮރު ލިބޭނެ އެވެ. އަދިވެސް ވިދާޅުވި އެވެ. ރަސްމާލެ އާއި މާލެއާ ދެމެދު ކަނޑުއަޑީގެ ބިއްލޫރި ޓަނަލަކުން ގުޅުވާލެވޭނެ އެވެ. އެ ޓަނަލުން ދާއިރު ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތައް ފެންނާނެ އެވެ. އެ ހިސާބުން ފެށިގެން ކުރެހެމުން ދިޔަ ރަސްމާލޭގެ ތަސައްވުރު ދިވެހިންގެ ހިތްތަކުގައި އޮތީ ފުންކޮށް ރައްކާވެފަ އެވެ.

މުއިއްޒަށް ވެރިކަން ލިބި ވަޑައިގެންނެވުމާއެކު ރަސްމާލޭގެ މަޝްރޫއު ކުރިޔަށް ދާ ގޮތް ރައްޔިތުން ގެންދިޔައީ ޚާއްސަ ގޮތަކަށް ބަލަމުންނެވެ. އެންމެ ފުރަތަމަ ރަސްމާލެ ހިއްކުމުގެ މައްސަލަ އެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމަށް ސަރުކާރުގެ ބަޖެޓުން އެންމެ ލޯ ލާރިއެއް ވެސް ނުދާނެ ކަމަށެވެ. ނަމަވެސް ރަސްމާލޭގެ ނަމުގައި ހިއްކި ތަނެއް ހިއްކި ކަމަށް ވަނީ ދައުލަތުގެ ބަޖެޓުންނާއި ކުންފުނިތަކުގެ ނަމުގައި ނެގި ލޯނުންނެވެ.

ދިވެހި ރައްޔިތުންނަށް ދިމާވެފައިއޮތް ބޯހިޔާވަހި ކަމުގެ ދަތިކަމަށް އޮތް "ޓޯޓަލް ސޮލިއުޝަން" ކަމުގައި ވިދާޅުވެ، ހިންގަމުން އައި ރަސްމާލެ ޕްރޮޖެކްޓާއާ މެދު ރައްޔިތުންނަށް އޮތީ އުންމީދެވެ. އެތަނުން ގިނަ އަދަދެއްގެ ބަޔަކަށް ގެދޮރު ލިބޭނެ ކަމުގެ ހުވަފެން ފެނުނެވެ ގޯއްޗާއި ފްލެޓްތައް ގަންނަން ލިބޭނެ ކަމުގެ އުންމީދު ކުރެވުނެވެ.

ދުނިޔޭގައި މިހާތަނަށް ހުރި އެންމެ ފުރިހަމަ ތިމާވެށްޓާ އެންމެ ރައްޓެހި ސިޓީކަމުގައި ރަސްމާލެ ވެގެންދާނެ ކަމުގައި ގިނަ ބަޔަކު ދުށްޓެވެ. ބިއްލޫރި ޓަނަލުގެ ވާހަކަ ބިލާހަކަށް ވިޔަސް އެހެން ހުވަފެންތަކުގައި ކުލަ ޖެހިދާނެ ކަމަށް ހީވި އެވެ. އެހެނަސް ދުބާއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް އައްބާރުގެ ޕްރޮޕޯސަލް ސަރުކާރަށް ލިބުމާ ހަމައަށެވެ.

އީގަލް ހިލްސްއާއެކު ރަސްމާލެ

އަބޫ ދާބީގެ ބިލިއަނަރެއް ކަމުގައިވާ މުހައްމަދު އަލް އައްބާރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ރަސްމާލެ ހިލޭ ދިނުމަށް ދިވެހި ސަރުކާރުން ވަނީ އިނިޝިއަލް ސޮއެއް ކޮށްފަ އެވެ. ޕްރޮޖެކްޓް ކުރިއަށް ގޮސްފިނަމަ ރަސްމާލެ ވެގެންދާނީ، ފެންވަރު މަތީ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި މުނި ފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުވެފައިވާ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ތަރައްގީ ވެފައިވާ ސަހަރަކަށެވެ. އެހެނަސް އެއީ ދިވެހިންނަކަށް ނޫނެވެ. ދުނިޔޭގެ ކޮންމެ ތަނަކުން ނަމަވެސް އެ ވަސީލަތްތައް ގަނެވޭ ފެންވަރުގެ މުއްސަނދި މަހުޖަނުންނަށެވެ. އެފަދަ އަގު ބޮޑު ގެދޮރު ގަނެވޭ ފެންވަރުގެ މަދު ބަޔަކު ރާއްޖޭގައި ވެސް އުޅޭނެ އެވެ. އެހެން ކަމުން އެފަދަ މަދު މީސްކޮޅަކާ އެކު އެ ސަހަރު ވެގެން ދާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަނދިން ދިރިއުޅޭ ސަހަރަކަށެވެ.

ދިވެހިންގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވާނީ ކިހިނެއް؟

ރަސްމާލޭގެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހި ކަމަށް އޮތް ޓޯޓަލް ސޮލިއުޝަން ކަމުގައި ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން އީގަލް ހިލްސްގެ މަޝްރޫއާއެކު ނިމޭނެ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު، އެކަމަށް އިޝާރަތް ކުރައްވައި ވިދާޅުވެފައި ވަނީ ރަސްމާލެއަކީ ދިވެހިންނަށް ފައިސާ ލިބޭނެ ވަސީލަތެއް ކަމުގަ އެވެ. އެތަނުން ބޯހިޔާވަހިކަން ދިވެހިންނަކަށް ނުލިބޭނެ އެވެ. މަޝްރޫއުގެ މިހާތަނަށް ތިލަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ވެސް ދިވެހިންގެ ބޯހިޔާވަހިކަމާއި ރަސްމާލެއަކާ އެއްވެސް ގުޅުމެއް ނެތެވެ.

އީގަލް ހިލްސް އާއެކު ރަސްމާލޭގައި ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ އުންމީދުގެ މިސްރާބު މިހާރު ވަނީ ހުޅުމާލެއާ ދިމާޔަށް ބަދަލުވެފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އީގަލް ހިލްސް އިން ފައިނޭންސް ކުރާ ގޮތަށް ހުޅުމާލޭގައި ތިން ކޮޓަރީގެ 5،000 ހައުސިން ޔުނިޓު އަޅާނެ ކަމަށެވެ. އެހެންކަމުން އީގަލް ހިލްސްގެ މަޝްރޫއާއެކު ރަސްމާލޭގައި ދިރިއުޅުމަށް ދިވެހިން ދެކެމުން އައި ހުވަފެން ނިމުމަކަށް އައީ އެވެ.

ރަސްމާލެ އާއި ދިވެހިން

މިހާރު ހަމަޖެހިފައި އޮތް ގޮތަށް ރަސްމާލޭގެ މަޝްރޫއު ކުރިއަށް ގޮސްފިނަމަ އެ ރަށް ވެގެންދާނީ ރާއްޖޭގެ އެހެން ރަށްތަކާ ވަކިން އޮންނަ ބޭރު މީހުން ދިރިއުޅޭ ހާއްސަ މުއްސަނދި ސަހަރަކަށެވެ. އާންމު ދިވެހިންނަކަށް އެރަށަށް ޒިޔާރަތް ކުރުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. ދިވެހިންނަށް އޮންނާނެ ފުރުސަތަކީ ރަސްމާލޭގައި ދިރި އުޅޭ މުއްސަނދި ރައްޔިތުންގެ ޚިދުމަތަށް ބޭނުންވާ ވަޒީފާތަކަށް ދިއުމުގެ ފުރުސަތެވެ. އެކަމަށްޓަކައި ހަމަޖެހިފައި އޮންނަ ފެރީ ނިޒާމަކުން ވަޒީފާއަށް ގޮސް ނިމުމުން އަނބުރާ ރަށަށް ދާން ޖެހޭނެ އެވެ.

ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމުގެ ހުވަފެން ބަޔަކު ދެއްކި ކަމުގައި ވިޔަސް ރަސް މާލޭގެ މުއްސަނދިންނަށް ޚިދުމަތް ކުރުމަށް ބޭނުންވާ ޝޮޕް ކީޕަރުންނާއި ގާޑަން ބަލަހައްޓާ މީހުންނާއި ސްވިމިންގް ޕޫލް ސާފު ކުރާ މީހުންނާއި މަގުތަކުން ކުނިކަހާ ސާފުކުރާ މީހުންނަކީ ދިވެހިންގެ ތެރެއިން ލިބޭނެ ބައެއް ނޫނެވެ.

ރާއްޖޭގައި މިހާރު ވެސް އެފަދަ މަސައްކަތް ކުރަނީ ބިދޭސީންނެވެ. އެހެންކަމުން ރަސްމާލެއިން ދިވެހިންނަށް މާބޮޑު ވަޒީފާގެ ފުރުސަތެއް ވެސް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ރަސްމާލެ ވެގެންދާނީ ދިވެހިރާއްޖޭގެ އެންމެ ގިނަ ބަޔަކު އުޅޭ ސަރަހައްދުގައި ދިވެހިންގެ ލޮލަށް ފެންނަ ހިސާބުގައި އޮންނަ ބޭރު މީހުންގެ ރަށަކަށެވެ. އެ ރަށުގައި ދިރިއުޅޭނީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންނެވެ. މަތީ ފެންވަރުގެ ވަޒީފާތަކުގައި އުޅޭނީ މިހާރު ރިސޯޓުތަކުގައި ވެސް އެކަން އޮތް ގޮތަށް ބޭރު މީހުންނެވެ. ބައެއް އާދައިގެ ވަޒީފާތަކަށް ދިވެހިންގެ ތެރެއިން މަދުބަޔަކު ތިބެ ދާނެ އެވެ. ހުރިހާ ގޮތަކުން ބަލާއިރު ވެސް ދިވެހިންނަށް ރަސްމާލޭގައި އޮތީ ނިކަމެތިކަމެވެ.

ރަސްމާލޭގެ މަޝްރޫއުގެ މައްސަލައަކީ ޔަހޫދީންނެއް ވެސް ނޫނެވެ. ރާ ވިއްކުމެއް ވެސް ނޫނެވެ. ރާއްޖޭގެ މެދުން ބޭރުގެ މަހުޖަނުން ދިރިއުޅެން ބިމެއް ވަކިކޮށް އިން ޖަހާފައި ދިނުމެވެ. ދިވެހިން އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ނޯކަރުންނަށް ބަދަލުވުމެވެ. ރަސްމާލެ ވެގެންދާނީ "ބޯހިޔާވަހި ކަމުގެ ޓޯޓަލް ސޮލިއުޝަނަކުން" ދިވެހިން، ދިވެހި ރާއްޖޭގައި ބާކީވެ ނިކަމެތިވުމުގެ ސިއްކައަކަށެވެ.