އެޗްއައިވީއަކީ އިންސާނުންގެ ތެރޭގައި މިހާރު ފެތުރެމުން އަންނަ އެންމެ ނުރައްކާތެރި އެއް ބައްޔެވެ. މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަކީ ޖިންސީ ގުޅުމުން ފެތުރޭ ފުރާނައަށް ނުރައްކާކުރުވާ ބައްޔެކެވެ.
މި ބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި ސައިންސްވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓެމް ސެލް ޓްރާންސްޕްލާންޓްއަކީ އެގޮތުން ޓެސްޓުކުރެވިފައިވާ އެއް ފަރުވާ އެވެ.
މިފަރުވާ ބޭނުންކޮށްގެން އެޗްއައިވީ ޖެހިފައިވާ ބަލި ދެ މީހަކު މީގެ ކުރިން ރަނގަޅު ވެފައިވާއިރު، މިފަހުން މި ފަރުވާ ބޭނުންކޮށްގެން އިތުރު މީހަކަށް ވެސް މިވަނީ ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ.
މިއީ މުޅި ދުނިޔެއިން ވެސް މި ބަލިން ރަނގަޅުވި ފަސްވަނަ މީހާ އެވެ. ފަސް މީހުންގެ ތެރެއިން ތިން މީހުން ރަނގަޅުވެފައި ވަނީ ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދައިގެންނެވެ.
ނިއުޔޯކަށް ނިސްބަތްވާ އެ މީހާ ޓްރާންސްޕްލާންޓް ހެދިތާ ދިހަ އަހަރު ވެފައިވާއިރު އެންމެ ފަހުން ހެދި ޓެސްޓުތަކުން އޭނާގެ ހަށިގަނޑުން އެޗްއައިވީގެ އަސަރު އެއްވެސް ވަރަކަށް ނެތެވެ.
ޓްރާންސްޕްލާންޓްގެ ސަބަބުން ހަށިގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލައި އާ ސެލްތައް އުފައްދަ އެވެ. މި ގޮތުގެ މަތިން ބަލި ޖެހިފައިވާ ސެލްތައް ހަށިގަނޑުން ހުސްވެ އެވެ. މިއާއެކު މި ނުރައްކާތެރި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދިދާނެކަމުގެ އުއްމީދު ސައިންސްވެރިންނާއި ޑޮކްޓަރުންނަށް މިވަނީ އާވެފަ އެވެ.