ބޮލުގައި ހަންފޮޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ހަންފޮޅުން ރަނގަޅުކުރާނަމޭ ހިތާ ކުރެވޭ ބައެއް ކަންތަކުން އިތުރަށް ގޯސްވާ ފަހަރު އާދެ އެވެ. އަދި ބޮލުގައި ފުނާ އަޅާ ގޮތުން ވެސް ހަންފޮޅުން އިތުރުވެ އެވެ.

މި ހިމަނާލަނީ ބޮލުގައި ހަންފޮޅުން އިތުރުވާ ގޮތަށް އަހަރެމެންނަށް ކުރެވޭ ބައެއް ކަންތައްތަކެވެ.

މާ ގިނައިން / މާ މަދުން އިސްތަށިގަނޑު ދޮވުން

އިސްތަށިގަނޑު ނުދޮވެ ގިނަ ދުވަސް ވުމުން ބޮލުތެރޭގައި އުފެދޭ ތެޔޮކަމާއެކު ދާހިތްލުމުން ހަންފޮޅުމަށް މަގުފަހިވެ އެވެ.

ކޮންމެ ދުވަހު ޝޭމްޕޫ ލައިގެން ބޯ ދޮންނަ ނަމަ އޭގެ ސަބަބުން ބޮލުގެ ހަންގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ރަނގަޅު ތެޔޮތައް ވެސް ސާފުވެ ދޮވެވި، ހަންގަނޑު ހިކޭނެ އެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުން ބޯ ދޮންނަން އެންމެ ރަނގަޅީ ދޭއް ދުވަތަ ތިން ދުވަހުން އެއް ދުވަހު އެވެ.

ކޮންޑިޝަނާ ބޭނުން ނުކުރުން

ޝޭމްޕޫ ލައިގެން ބޯ ދޮންނައިރު މިލައާއެކު ބޮލުގައި ހުންނަ ގުދުރަތީ ތެޔޮތައް ވެސް ދޮވެވި ސާފުވެ އެވެ. ކޮންޑިޝަނާއިން މި ތެޔޮކަން އަނބުރާ ގެނެއުމަށް އެހީވެދެ އެވެ. މީގެ އިތުރުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި އެހެން މާއްދާތައް ލިއްބައިދެ އެވެ.

އިސްތަށިގަނޑުގައި ހުންނަ ގުދުރަތީ ފަންގަސް އަށް ނާޒުކުވުން

ހަންފޮޅުމަށް މެދުވެރިވަނީ މަލަސެޒިއާ ނަމަކަށް ކިޔާ ފަންގަސްއެއް މާގިނައިން އިތުރުވާން ފެށުމުންނެވެ. މޫނުގައި އަދި ގައިގެ އެކިތަންތަނުގައި ބިހި ނަގަން މެދުވެރިވަނީ ވެސް މި ފަންގަސްގެ ސަބަބުންނެވެ. ކޮންމެ މީހެއްގެ ގައިގައި ވެސް މި ފަންގަސް ހުންނާނެ އެވެ. އެހެން ނަމަވެސް މި ޔީސްޓް ފީޑް ކުރަނީ ތެލަށް ކަމަށް ވުމުން ބޮލުގެ ހަންގަނޑު ތެޔޮ މީހުންނަށް މި މައްސަލަ ބޮޑަށް ދިމާވެ އެވެ. ބޮލުގައި ހަންފޮޅުމަށް ފަރުވާއެއް ނެތަސް ކޮންޓްރޯލް ކުރެވޭނެ އެވެ.

ބޯ ދޮވުމަށް ފަހު ރަނގަޅަށް ނުހިއްކުން

ބޯ ދޮވުމަށްފަހު ރަނގަޅަށް ނުހިއްކާ ނަމަ ބޮލުގެ ތެރޭގައި ފަންގަސް އާލާވުމުގެ ފުރުސަތު ލިބިގެން ދެ އެވެ. ބައެއް ފަހަރު މަލަސެޒިއާ އުފެދޭ މިންވަރު އިތުރުވެ މާ ގިނައިން ހަންފޮޅެން މެދުވެރިވެ އެވެ.

ސްޓްރެސް ވުން

އަހަރެމެން ކަންކަމާ ކަންބޮޑުވާން ފެށުމުން ހުރިހާ ބުރައެއް އުފަލަން ޖެހެނީ އަހަރެމެންގެ ދިފާއީ ނިޒާމެވެ. މީގެ ސަބަބުން ހަށިގަނޑުގައި ތެޔޮ އުފެދޭ މިންވަރު އިތުރުވެ މަލަސެޒިއާ އާއި ފަންގަސް އުފެދި ހަންފޮޅުމަށް މެދުވެރިވެ އެވެ.

ގިނައިން ފޮނިއެއްޗެހި ކެއުން

މާގިނައިން ފޮނިއެއްޗެހި ކާނަމަ ހޯމޯން އިމްބެލެންސެވެ، އިސްތަށިގަނޑުގެ ސިއްހަތަށް ގެއްލުންވެ އެވެ. އޭގެ ސަބަބުން ބްލަޑް ޝުގާ ލެވެލް އިތުރުވެ ގްލޭންޑް ތަކުން އިތުރަށް ތެޔޮ އުފައްދަ އެވެ.