ނިންމަން ބުނި ތާރީހަށް ވުރެ އެއް އަހަރު ފަހުން، ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެ މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 2،950 މީޓަރުގެ ސަރަޙައްދެއް ހެދުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި 4،425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިން ކޮންކްރީޓް ގާ އެތުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ފުވައްމުލަކުގެ ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ 2019 މާޗު މަހުގެ 27 ވަނަ ދުވަހު ހަވާލުކުރި އިރު، އެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު ނިންމާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އިން ހަވާލުކުރި މަޝްރޫއުގެ އަގަކީ 37.19 މިލިއަން އެވެ.

ފުވައްމުލަކުގައި އަލަށް ހެދި ރިންގު ރޯޑު. ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ 2018 މާޗު މަހުގެ 27 ވަނަ ދުވަހު. ފޮޓޯ: އެމްޓީސީސީ

ރިންގު ރޯޑުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެވެ. ނަމަވެސް އެ މަސައްކަތް ފެށުމަށްފަހު މާގިނަ ދުވަހެއް ނުވެ ސަރުކާރު ބަދަލުވުމުން އެ މަސައްކަތް އާ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އެވެ.

އެމްޓީސީސީން ގެންދަނީ އެ މަޝްރޫއުގެ އިތުރުން ފުވައްމުލަކުގެ އެތެރޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މަސައްކަތުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ކަމަށް އެމްޓީސީސީން ބުންޏެވެ.

ފުވައްމުލަކުގައި އަލަށް ހެދި ރިންގު ރޯޑު. ވަށައިގެން އޮންނަ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ 2018 މާޗު މަހުގެ 27 ވަނަ ދުވަހު. ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރާނެ އެވެ.

އެމްޓީސީސީއާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރި މި މަސައްކަތަށް 279.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ޖެހެނީ 730 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.