މީހެއްގެ ލޮލު ތެރެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ފަންޏެއް ކަމަށްވާ އެފްރިކަން އައި ވޯމް (ލޮއިއޭސިސް) އެއް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ނަގައިފި އެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ފަނި ނަގާފައި ވަނީ ލޮލުގެ ކޮންޖަކްޓިވާ ވަރަށް ބޮޑަށް ރަތްވެ، ލޮލަށް ތަދުވާތީ ޑޮކްޓަރަކަށް ދައްކަން އައި ބިދޭސީ މީހެއްކެ ލޮލުންނެވެ.

އެމީހާގެ ލޮލުން ފަނި ނެގުމަށްފަހު ދޭން ޖެހޭ އިތުރު ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ އޭއީއެޗްއިން މިފަދަ އޮޕަރޭޝަނެއްކޮށް، މީހެއްގެ ލޮލުން އެފަދަ ފަންޏެއް ނެގި ފުރަތަމަ ފަހަރެވެ.

އެފްރިކަން އައި ވޯމް ނުވަތަ "ލޮއިއޭސިސް" އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. އެއީ އެފްރިކާއިން ނޫނީ ވަރަށް މަދުން ފެންނަ އެއްޗެކެވެ.

މި ބަލި ޖެހެނީ އިންފެކްޓްވެފައިވާ ޑިއާ ފްލައިސް ކިޔާ ސުއިއްޕެއް ދަތް އެޅުމުންނެވެ. ޑިއާ ފްލައިސް އިންފެކްޓް ވަނީ މި ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބޮއެގެންނެވެ.

ލޮލަށް ޖެހޭ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ އިތުރުން މުޅި ހަށިގަނޑު ހިރުވުމާއި، ގައިގަޔާއި ހުޅުތަކުގައި ރިއްސައި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަން ހިނެ އެވެ.

އެފްރިކާ ހިސާބު ނޫން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިއީ ވަރަށް ނުފެންނަ ބައްޔެއް ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވެ އެވެ.