އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ސްކޫލު ހުރިތަނުގައި މިއަދު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ ސްކޫލްގެ މަސައްކަތާއި ގުޅިގެން މިނިސްޓަރު ޑރ. އައިޝަތަށް ސުވާލުކުރައްވާފަ އެވެ.
މެމްބަރެއްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބާ ޖަމާލުއްދީން ސްކޫލު ހުރިތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހަދާ ކޮންސެޕްޓް ކުރެހުން މިހާރު ފައިނަލް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
"މިހާރު ވަނީ މިއިމާރާތުގެ ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވިފައި. ކުރިއަށްދަނީ ޑީޓެއިލް ޑްރޯވިންގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް. މިމަހުގެ ނިޔަލަށް ޑީޓެއިލް ޑްރޮއިންވެސް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ބަޖެޓު ހުށަހެޅިއިރު އަރަބިއްޔާ ސްކޫލު ނުހިމެނި އޮތީ އިދާރީ ކުށެއްގެ ސަބަބުންނެވެ. އަދި މިހާރު ނިންމާފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ އަންނަ އަހަރާ ހަމައަށް އެ ސްކޫލް ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފުުރަތަމަ ބަޖެޓަށް ފޮނުވިއިރު އަސްލު އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއަށް ހުރިހާ އެއްޗެއް ފޮނުވާފައި ހުންނާނީ. ނަމަވެސް އިދާރީ ކުށެއްގެ ސަބަބުން ނުހިމެނި އޭތި އޮތީ. ނަމަވެސް އެކަން އަޅުގަނޑުމެންނަށް ރިއަލައިޒްވި ހިސާބުން ބަޖެޓު ފޮތުގައި ހިމަނާފަ ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ 8 އަހަރު ވީ އިމާރާތުގެ މައްސަލަ ޖެހުނީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެހާ ކުރު މުއްދަތެއް ވީ އިމާރާތެއް އަވަހަށް ހަލާކުވުމަކީ ވެސް މައްސަލައެކެވެ.
އެ ސްކޫލްގެ އާ އިމާރާތް އަޅަނީ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ތަނުގަ އެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމައި، ސްކޫލްގެ ބިންގާ އެޅުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ.
އެ މަސައްކަތް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށް 168 މިލިއަން ރުފިޔާ އަށެވެ.