ވިޓަމިންސް އަދި އިލެކްޓްރޮލައިޓްސް ގިނަ އަދަދަކަށް ހިމެނޭ ބުއިންތައް، ހުއްދަ ނެތި ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރާ މިފަދަ ބުއިންތައް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފަހަކަށް އައިސް ގިނަ އަދަދަކަށް މިނަރަލްސް، ވިޓަމިންސް އަދި އިލެކްޓްރޮލައިޓްސް އެކުލެވޭ ބުއިންތައް ރާއްޖެ އެތެރެކޮށް، އާންމު ފިހާރަތަކުގައި ފުޅާ ދާއިރާއެއްގައި ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މިފަދަ ތަކެތި ބާޒާރުގައި ލިބެން ހުންނަނީ "އެނާޖީ ޑްރިންކް" ނުވަތަ "ހައިޑްރޭޝަން" ބުއިންތަކުގެ ގޮތުގައި ލޭބަލް ކޮށްގެން ކަމަށްވާއިރު، އެއްވެސް ބެލުމެއް ނެތި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް މި ބުއިންތައް ބޭނުންކުރަމުންދާތީ އެ އޮތޯރިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ސިއްހީ މާހިރެއްގެ ލަފައެއް ނެތި މިފަދަ ބުއިންތައް އާންމުކޮށް ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެހެންކަމުން، މި ބާވަތްތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކުރުމާއި، ވިޔަފާރިކުރުމުގެ އިތުރުން އާންމުން އެ ތަކެތި ބޭނުންނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން، އެކި ކަހަލަ ސިއްހީ ފައިދާތައް ލިބޭ ކަމަށް ބުނެ މިފަދަ އުފެއްދުންތައް އިޝްތިހާރު ކުރި ނަމަވެސް، އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން މި ބާވަތްތައް ގިންތިކުރެވެނީ "ނިއުޓްރާސޫޓިކަލްސް" ގެ ގޮތުގައި ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ. އެހެންކަމުން، ދެން މިފަދަ ބުއިންތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީގެ "ނިއުޓްރާސޫޓިކަލްސް ރަޖިސްޓްރީ ކުރުމުގެ ގައިޑްލައިން" ގެ ދަށުން ރަޖިސްޓްރީކޮށް، ހާއްސަ ހުއްދައެއް ލިބިގެންނެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން މިފަދަ ބުއިންތައް ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމުން އެމްއެފްޑީއޭ އިން ވަނީ، މިހާރު ބާޒާރުގައި ހުރި މި ބާވަތުގެ އުފެއްދުންތައް ވެސް ކަނޑައެޅިފައިވާ އުސޫލުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިމްޕޯޓަރުންނަށް އަންގާފަ އެވެ.