އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ޔުތޫ މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި އޭނާއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔަކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައިނެތް ކަމަށެވެ. ނަމަވެސް އެއީ އޭނާއަށް ލަނޑެއް ދިނުމަށް ބަޔަކު ރާވައިގެން ކުރިކަމެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"(ދައުވާތައް) ގެންގޮށްސިއްޔާ ވަރަށް ރަނގަޅު. ހަމަ ކަނޑައެޅިގެން ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން ކުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ ޕީޖީ އޮފީހުން މިހާރު ވަނީ އަނބުރާ ގެނެސްފަ އެވެ. އަދި އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ އެކަށީގެންވާ މިންވަރަަށް ހެކި ނެތުމުން، އެ މައްސަލަަ ސާބިތުވާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރީ 2015 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓު ދެއްވުމުގެ މުގާބިލެއްގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށެވެ.
މަހުލޫފްގެ މައްޗަށް ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަަސްޕެންޝަން އުވާލީ އެވެ.